ވިޔަފާރި

ބާޒާރުގައި ކާށި އަގުހެޔޮވެއްޖެ!


ރަމަޟާން މަސް ފެށިގެން އައިއިރު ދަތުރުވެރިންގެ މާރުކޭޓުގެ ބައެއް ބާވަތްތަކުގެ އަގުތައް ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ކަރަ އާއި މިރުސް ފާހަގަކޮށްލެވެއެެވެ.

މިފަހަރުގެ ރަމަޟާންމަސް ފެށުނުއިރު ލޯކަލް މާރުކޭޓުގައި ކާށީގެ އަގުވެސް ހުރީ ވަރަށް މަތީގައެވެ. ނަމަވެސް ކާށީގެ އަގު މިހާރު ވަނީ ވަރަށް ބޮޑުތަން ހެޔޮވެފައެވެ.

ރަމަޟާންމަސް ފެށުނުއިރު ކާށީގެ އަގުހުރިގޮތަށް ބަލާއިރު، ބޮޑެތި ސައިޒުގެ ކާއްޓެއް ވިއްކާފައިވަނީ، 30 ރުފިޔާ އަދި 35 ރުފިޔާއަށެވެ. ލޯކަލް މާރުކޭޓުގައި މިއަދު ކާށި ވިއްކަންހުރި އަގުތަކަށް ބަލާއިރު، ކާށީގެ އަގުތައް ހުރީ 3 ރުފިޔާއިން ފެށިގެން 12 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ.


ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނާގޮތުން މިދުވަސްކޮޅު ކާށީގެ އަގުހެޔޮވަނީ،، ރަށްރަށުން ކާށި ގިނައިން ލިބޭތީއެވެ. ވިޔަފާރިވެރިން ބުނާގޮތުން ކުރިއަށްއޮތްތަނުގައި ވެސް ކާށީގެ އަގަށް މާބޮޑު ބަދަލެއް ނައިސް ހެޔޮ އަގެއްގައި ލިބިގެންދާނެއެވެ.

ރޯދަމަސް ކުރިއަށްދާ ވަރަކަށް މާލޭ ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ހެޔޮވަމުންނެވެ. އެގޮތުން ކުރިން އަގުބޮޑުކޮށް ހުރި ކަރަ އާއި މިރުސް އަދި ލެޓިއުސްގެ އަގުވެސް މިހާރު ވަނީ ހެޔޮވެފައެވެ.