ސިއްހަތު

ހެލްތު މިނިސްޓަރ އަމީން، ސްޕެއިންގެ ރާނީއާ ބައްދަލުކުރައްވައިފި


ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ސްޕެއިންގެ ރާނީ ލެޓިޒިއާ އޯޓިސް ރޮކަސޮލާނޯއާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ސުވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ހަތްދިހަ ދެވަނަ ވޯލްޑް ހެލްތް އެސެމްބްލީގެ ހަވާސާގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިންނެވެެ. މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތަ ބޭނުންކުރާގޮތާއި، ޞިއްޙަތާހުރި ގުޅުމުގެ މައްޗަށް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިމަހުގެ ވިހިން އަށާވީހަށް ޖެނީވާގައި ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ދެއްވި ތަޤުރީރުގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ފާއިތުވި އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކާއި، ހޯދިފައިވާ ކާމިޔާބީތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިންގެ ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް ކުރާ ހޭދަ އިތުރުވުމާއެކުވެސް ޔުނިވަރސަލް ހެލްތް ކަވަރޭޖް ކަށަވަރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރ އަމީން ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސަތޭކަ ނުވަދިހަ ހަތަރު މެންބަރު ޤައުމުންވަނީ ބައިވެރިވެފައެވެ. މި އެސެމްބްލީގައި ރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްގެން ދެ ސައިޑް އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިސައިޑް އިވެންޓްތަކުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ސާޖަރީގެ ޚިދުމަތްތައް ރައްކާތެރިގޮތުގައި ފޯރުކޮށްދިނުމާއި ގުޅޭގޮތުންނާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ޞިއްޙަތަށް ކުރާ އަސްރުތަކާ ގުޅޭގޮތުންނެވެ. މިދެ އިވެންޓްގައިވެސް ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.