ޚަބަރު

ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ވާނަމަ އެކަން ސިއްރެއް ނުކުރާނެ- ޒަކަރިއްޔާ މަންސޫރު


ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ވާނަމަ އެކަން ސިއްރު ނުކޮށް އަންގާނެ ކަމަށާ، ޢާއްމުންގެ ތެރޭގައި ބިރުވެރިކަން ފެތުރޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އިލްތިމާސްކުރައްވަފިއެވެ.

މިހާރު ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަމްރީނުތަކާ ގުޅިގެން ފެތުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ސަލާމަތީ ބާރުތަކުން ގުޅިގެން ކުރިއަށްގެންދާ ތަމްރީނަކީ ފެށުމުގެ ކުރިން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާ ތަމްރީނުތަކެއް ކަމަށެވެ.

އަދި ރާއްޖެ އޮތް ސަރަޙައްދުގައި ހިނގާ ކަންކަމަށް ދިވެހިން ލޯހުޅުވައިގެން ތިބެންޖެހޭކަމަށާއި ދިމާވެދާނެ ކޮންމެ ފަދަ ކަމަކަށް ތައްޔާރަށް އޮތުމަކީ ސަލާމަތީ ބާރުތަކުގެ މިހާރުގެ ވިސްނުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށް ގެންދާ ތަމްރީނުތަކަކީ ޚާއްސަ މައުލޫމާތެއް ލިބިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫންކަމަށެވެ. އަދި މި ތަމްރީނުތަކުގެ ބޭނުމަކީ ހާދިސާއެއް ދިމާވުމުގެ ކުރިން ދުރާލާ ތައްޔާރުވެ ތިބުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ޓެރަރިޒަމްގެ ހުރިހާ އަމަލަކީ ދުރާލައި އެނގިގެން ހިނގާކަންކަން ނޫންކަމަށާ، ނަމަވެސް ރައްޔިތުންނަށް ނުރައްކާވާފަދަ އެއްވެސް ކަމެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ސިއްރުނުކޮށް ރައްޔިތުންނަށް އަންގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަލާމަތީ ބާރުތަކުންވަނީ މިމަހުގެ ކުރީކޮޅުވެސް ގުޅިގެން ފަރިތަކުރުންތަކެއް ކުރިއަށްގެންގޮސްފައެވެ. އެތަމްރީނުތަކުގައިވަނީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހަތިޔާރުވެސް ބޭނުންކޮށްފައެވެ.