ޚަބަރު

އަންނަ މަހު ބާއްވާ ދިވެހި ބޭހުގެ މެޑިކަލް ކޭޕްގައި ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފި


އަންނަ ޖޫން މަހުގެ 5 އިން 13 އަށް ށ. ފުނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ބޭހުގެ މެޑިކަލް ކޭޕުގައި ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިން އިން ހިންގުމަށް ހަމަޖެހިފައިވާ މި މެޑިކަލް ކޭމްޕުގައި ގިނަ ބަލިތަކަކަށް ފަރުވާދިނުމަށް ހަމަޖެހިފައިވެއެވެ.

ދިވެހި ބޭހުގެ މެޑިކަލް ކޭޕުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން، މި ކޭމްޕްގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު އަޙްމަދު ވިދާޅުވީ، މިހާރު ހުޅުވާލި ފުރުޞަތުގެ ދަށުން އެކި ބަލިތަކަށް ދެއްކުމަށް ނަގާ ފީއިން 10 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދުގެ ޑިސްކައުންޓް ލިބުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އެގޮތުން ނަންނޯޓުކުރުމުގެ އިންތިޒާމު ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިންގެ ނަންބަރަށް ގުޅައިގެންނާއި އެ ކްލިނިކަށް ދިއުމުންވެސް ހަމަޖެހޭނެކަމަށް މުޙައްމަދު އަޙުމަދު ވިދާޅުވިއެވެ.

ސީނިއަރ ޓްރެޑިޝަނަލް މެޑިސިން ޕްރެކްޓިޝަނަރ މުޙައްމަދު އަހުމަދު ވިދާޅުވީ، މި ކޭމްޕްގައި އޭނާ ހިމެނޭހެން ދިވެހި ބޭހުގެ ފަރުވާ ދިނުމަށް ޙާއްސަ ޓީމެއް ޙަރަކާތްތެރިވާނެ ކަމަށެވެ. އަދި މި ކޭމްޕުގައި ރާއްޖެ ބައްޔާއި ޗިކުންގުންޔާ އާއި ގޭސްޓްރައިޓިސް އާއި ގޮހޮރުގެ މައްސަލަތަކާއި ކުޑަކަމުދާ ނިޒާމަށް ދިމާވާ އެކި ބަލިތަކަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާކަމަށް މުޙައްމަދު އަޙުމަދު ވިދާޅުވިއެވެ.

އަނަން މަހުގެ 5 އިން 13 އަށް ށ. ފުނަދޫގައި ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިން އިން މީގެ ކުރިންވަނީ ހދ. ކުޅުދުއްފުއްޓާއި، އދ. މާމިގިއްޔާއި ލ. ފޮނަދޫގައިވެސް މިފަދަ ކޭމްޕްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން މި ކޭޕްތަކުގައި ފަނަރަ ސަތޭކައަށްވުރެ ގިނަ މީހުންނަށް ފަރުވާދީފައިވާކަމަށް ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިން އިން މަޢުލޫމާތުދެއެވެ.