ކުޅިވަރު

އުންމީދަކީ 2020ގެ ނިޔަލަށް އާ ކްރިކެޓް ސްޓޭޑިއަމް ގާއިމްކުރުން - މަހުލޫފް


އިންޑިޔާގެ ސަރުކާރުގެ އެހީތެރިކަމާއެކު އެޅުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ކްރިކެޓް ސްޓޭޑިއަމް އަންނަ އަހަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުވަތަކަށް ރާއްޖެ ވަޑައިގަތް ބީސީސީއައިގެ ޖެނެރަލް މެނޭޖަރ ސަބާ ކަރީމާއި އިންޑިޔާ ގައުމީ ކްރިކެޓް ޓީމްގެ ފީލްޑިންގ ކޯޗް އަބޭ ޝަރްމާއާއެކު ޔޫތް މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރާއްޖެއަށް އިންޑިޔާއިން ކަނޑައަޅާފައި ހުންނަވާ ސަފީރާއި، ކްރިކެޑް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު އަފްލާހުވެސް ބައިވެރިވި ނޫސްވެރިންގެ ބައްދަލުކުރުމުގައި ވާހަކަދައްވަމުން މަހުލޫފް ވިދާޅުވީ، ރާއްޖެ އޮތީ ކްރިކެޓްގައި ވަރަށް ވަރުގަދަ ސަރަހައްދެއްގައި ކަމުން އޭގެ އެންމެ ފުރިހަމަ ބޭނުން ހިފަން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކްރިކެޓް ކުރިއަރުވާ ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކްރިކެޓްގެ އިންޑިޔާއާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން އިންޑިޔާގެ އެހީއާއެކު ސްޓޭޑިއަމް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިހާރު އެކަމަށް ބިމެއް ކަނޑައަޅާ ކުރެހުމުގެ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ސްޓޭޑިއަމްގެ ގާއިމުކޮށް ނިންމާލުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ. މި ސްޓޭޑިއަމް އެޅުމުގެ އެންމެ ބޮޑު މަގުސަދަކީ އޭޝިއާ ކަޕްގައި ރާއްޖެއިން ވާދަކުރުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އޭރުގަ އެންމެ ބޮޑު ސުވާލަކަށްވީ އެލޮކޭޓްކޮށްފަ އޮތް ލޭންޑް ލިބޭތޯ، އެކަންކަން މިހާރު ޔަގީން ކުރެވި ކުރެހުމުގެ މަސައްކަތް އެއޮތީ ގާތްގަނޑަކަށް ނިންމާލެވިފަ. މިކުރެވޭ މަޝްވަރާތަކުގެ އަލީގަ ވަރަށް ބޮޑަށް ގަބޫލުކުރެވޭ، މިއަންނަ އަހަރުގެ ފަހުކޮޅަށޭ ކިޔައިގެން މިއުޅެނީ، ވަރަށް ބޮޑު މަސައްކަތެއް ދެއްތޯ ކްރިކެޓް ސްޓޭޑިއަމްއެއް ނިންމާލުމަކީ، އެކަމަކުވެސް މި މަސައްކަތް ކުރިއަށްދާންޖެހޭ ސްޕީޑްގަ ކުރިއަށްދޭ އެބަ" މިނިސްޓަރ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގެ މެޗްތަކަށް ހާއްސަ މި ސްޓޭޑިއަމް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.