ކުޅިވަރު

ގްރީޒްމަން ގަންނަން ބޭނުންވާކަމަށް ބާސެލޯނާއިން ބުނެފި


އެތްލެޓިކޯ މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ފޯވާޑް އޮންޓުއާން ގްރީޒްމަން ގަންނަން ބާސެލޯނާއިން ބޭނުންވާކަމަށް އެކުލަބުން ބުނެފިއެވެ.

ގްރީޒްމަންއަކީ މިދިޔަ ދެ ސީޒަންގައިވެސް ބާސެލޯނާއިން ގަންނަން ބޭނުންވި ކުޅުންތެރިއެކެވެ. ފަސް އަހަރަށްފަހު ކުލަބު އެތްލެޓިކޯ މެޑްރިޑު ދޫކޮށްލަން ގްރީޒްމަން ނިންމުމުން އޭނާ ހޯދަން ބާސެލޯނާއިން އަނެއްކާވެސް މަސައްކަތްފަށާފައިވާކަމަށް ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓްކުރަންފެށިއެވެ. އެކަން މިހާރު ބާސެލޯނާއިންވެސްވަނީ ޔަގީންކޮށްދީފައެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ ގްރީޒްމަން ހޯދަން ބާސެލޯނާއިން މަޝްވަރާތައް ފަށާފައިވާކަމަށެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލެއްދެވޭނީ ސީޒަން ނިމުމުންކަމަށްވެސް އޭނާ ބުންޏެވެ. ވަލްވާޑޭ ބުނީ ކުޅުންތެރިން ގަންނަ ވާހަކައާއި ވިއްކާ ވާހަކަދެއްކޭނީ ކޮޕަ ޑެލްރީ ފައިނަލަށްފަހުކަމަށެވެ.

28 އަހަރުގެ ގްރީޒްމަންއަކީ މޮޅު ފޯވާޑެއްކަމަށާއި، ބާސެލޯނާއިން ގްރީޒްމަންގެ އޭޖެންޓަށް ގުޅާފައިވާކަމަށްވެސް ވަލްވާޑޭ ބުންޏެވެ.

ގްރީޒްމަން ހޯދުމަށް ބާސެލޯނާއާއި ވާދަކުރާނެކަމަށް ބެލެވެނީ އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑެވެ.