ސިޔާސީ

ރާއްޖެއިން ވޯޓް ދިނީ ފޯޅަވަހި އިނގިރޭސީންގެ ތަނެއްގެ ގޮތުގައި ބޭއްވުމަށް



އިނގިރޭސިންގެ ބާރުގެ ދަށުގައި އޮންނަ ފޯޅަވަހި ނުވަތަ "ޗާގޯސް އައިލެންޑްސް" އެޤައުމުގެ ބާރުގެ ދަށުގައި ބޭއްވުމަށް ރާއްޖެއިން ވޯޓު ދިންނަމަވެސް މޮރީޝަސްގެ ބައެއްގެ ގޮތުގައި ބޭއްވުމަށް އދ.އާންމު މަޖިލީހުން ފާސްކޮށްފިއެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ)އިންފޯޅަވަހި މައްސަލައިގައި ނެރެފައިވާ ޤަރާރު ތަންފީޒުކުރުމާއި ބެހޭގޮތުން އދގެ އާއްމު މަޖިލީހުގައ ނެގި ވޯޓުގައި ދެކޮޅަށް ވޯޓްދިނީ ރާއްޖެ ހިމެނޭހެން ހަ ޤައުމަކުންނެވެ. އެއީ ދިވެހިރާއްޖޭގެ އިތުރުން އިނގިރޭސިވިލާތާ، އޮސްޓެރޭލިއާ، ހަންގޭރީ، އިސްރާޢީލް އަދި އެމެރިކާއިނެވެ. 116 ޤައުމަކުން ވަނީ މޮރީޝަސްގެ ތަނެއްގެ ގޮތުގައި ފޯޅަވަހި ބޭއްވުމަށް ވޯޓް ދީފައެވެ. އަދި ފަންސާސް ހަ ޤައުމަކުން ވަކިކޮޅަކަށް ވޯޓް ދީފައިނުވެއެވެ.

މި މައްސަލައިގައި ރާއްޖޭއިން މޮރިޝަށް އާއި ދެކޮޅަށް ވޯޓް ދީފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ އަތޮޅާއި ފޯޅަވައްސާއި ދެމެދު، ދެ ގައުމުގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ފުށުއަރާތީއެވެ. ރާއްޖެއިން އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ހިމާޔަތްކުރުމަށެވެ. އަދި ފޯޅަވަހި ހިމެނޭ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ ރާއްޖެއިން ވަނީ މީގެކުރިން ވަނީ ހުށައަޅާފައެވެ.

އދ.ގެ ޢާންމު މަޖިލީހަށް ޤަރާރެއް ހުށައަޅާފައި މިވަނީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ) އިން ފޯޅަވަހި މައްސަލާގައި މޮރީޝަސްއާއި އެއްކޮޅަށް ލަފާނެރެފައިވަނިކޮށެވެ. އެ ކޯޓްގެ ލަފާގައި ބުނެފައިވަނީ މޮރީޝަސްގެ މައްޗަށް އޮތް އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށްކަމަށެވެ. މިހާތަނަށްވެސް އެތަނަށް މިނިވަންކަން ލިބިފައިނުވާތީ އިނގިރޭސީންގެ ބާރުގެ ދަށުން ފޯޅަވަހި ދޫކޮށްލުމަށް އައިސީޖޭ އިން ވަނީ ލަފާދީފައެވެ. އަދި އދ.އަށް މި މައްސަލަ ހުށައަޅާފައި މިވަނީ އެ ކޯޓްގެ ލަފާ ތަންފީޒްކުރުމަށް މެންބަރު ޤައުމުތަކަށް ގޮވާލުމުންނެވެ.

ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ކުރިން ދެކެމުން އައިނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރީޝަސްއިން ވަނީ އެކަމަށް ދެކޮޅު ހަދާ އދއަށް އެ މައްސަލަ ހުށައަޅާފައެވެ.

ރާއްޖޭގެ ހުށައެޅުމުގައި ފޯޅަވަހީގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ފާހަގަކޮށްފައިނުވާތީ މޮރީޝަސްއިން ވަނީ އެކަމަށް އިއުތިރާޒްކޮށް ރާއްޖެއިން ހުށައަޅާފައިވާ ސަރަހައްދާއި އެޤައުމުގެ ކަނޑުގެ ސަރަޙައްދާއި ފުށޫއަރާކަމަށް ބުނެފައެވެ. އަދި އައްޑު އަތޮޅުއާއި ފޯޅަވައްސާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާމެދު ވަކިގޮތަކަށް އެއްބަސްވުމަށްވެސް މޮރީޝަސްއިން ވަނީ ރާއްޖެއަަށް ގޮވާލާފައެވެ.

ފޯޅަވައްސަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. ފޯޅަވަހީގެ އަތޮޅު ތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށް ތަކެވެ. މިރަށްތަކާއި އައްޑު އަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލްއެވެ.