ވިޔަފާރި

ލެކްޓޯޖަންގެ ޝިޕްމަންޓެއް ނައްތާލަން ނިންމާފައެއް ނުވޭ - ކަސްޓަމްސް


ކުޑަކުދިންގެ ކާނާގެ ބާވަތެއްކަމަށްވާ ލެކްޓޯޖަންގެ ޝިޕްމަންޓެއް އެއްވެސް ސަބަބަކާހެދި މިހާތަނަށް ހިފަހައްޓަން ނުވަތަ ނައްތާލަން ނިންމާފައި ނުވާނޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން މިހެން ބުނެފައި މިވަނީ "ލެކްޓޯޖަން" ޝިޕްމަންޓެއް ރާއްޖެއަށް އެތެރެކުރުމުގެ މަރުޙަލާގައި ނައްތާލަން ނިންމާފައިވާކަމަށާއި އެހެން ބަޔަކު އެތަކެތި އެތެރެކޮށް ވިއްކަމުންދާކަމަށް ބުނެ މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެނެވެ.

ކަސްޓަމްސްއިން އިން ބުނީ "ލެކްޓޯޖަން" ޝިޕްމަޓެއް ހިފަހައްޓާފައިނުވާ ކަމަށާއި އަދި ނައްތާލަންވެސް ނިންމާފައިނުވާކަމަށެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ރާއްޖެއަށް "ލެކްޓޯޖަން" ގެ ބާވަތްތައް މައިގަނޑުގޮތެއްގައި އިމްޕޯޓްކުރަނީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރާ އެއް ކުންފުންޏަކުންކަމަށް ބުނެފައިވެއެވެ. އަދި 2016 ވަނަ އަހަރުގެ ފަހުން މިތަކެތި އެހެން ފަރާތަކުން އިމްޕޯޓްކޮށްފައި ނުވާކަމަށްވެސް ކަސްޓްމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން މިހެން ބުނެފައިވާއިރު ލެކްޓޯޖަން ރާއްޖެ އެތެރެކުރާ އެމްއެޗްއޭއިން ބުނެފައިވަނީ އެކުންފުނިން އެތެރެކުރާ ލެކްޓޯޖަންގެ ބާވަތެއްގެ ލޭބަލް ހުންނަ ގޮތަކުން އެތަކެތި ރާއްޖެ އެތެރެކުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މަނާކޮށްފައިވާކަމަށެވެ.

ނަމަވެސް ކަސްޓަމްސްއިން ބުނީ މި މައްސަލައިގައި ޝަކުވާ ލިބިފައިވާ މުދަލުގެ ސާމްޕަލް ކަސްޓަމްސްއިން ބެލިބެލުމުން މުދަލުގައި ލޭބަލް ހަރުކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަޑާއި އެއްގޮތަށްކަމަށެވެ.