ޚަބަރު

މަސްތުވާތަކެތީގެ ބޮޑު ދެ މައްސަލައިގައި ހިމެނޭ މީހުންގެ މަޢުލޫމާތު ހާމަކޮށްފި


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މައްސަލައިގައި ހިމެނޭ މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން މަޢުލޫމާތު ހިއްސާކޮށްފައިވަނީ ދާދިފަހުން ހިންގި އޮޕަރޭޝަނެއްގައި ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުވާފައި ހުއްޓާ ހޯދި މަސްތުވާތަކެއްޗާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވަތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ މަސް ބޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލާއި، އެކަމުގައި ހަރަކާތްތެރިވި މީހުންގެ މައުލޫމާތެވެ.

އެގޮތުން ގދ. ހުޅުވާރުލުގައި 6 ގޯންޏެއްގައި 140 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަޅުލައި، ފޮރުވި މައްސަލާގައި ހަރަކާތްތެރިވި ހުވަދުއަތޮޅަށް ނިސްބަތްވާ ފަސްމީހެއްގެ މަޢުލޫމާތު ފުލުން ވަނީ އާންމުކޮށްފައެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ:

1- އަޙްމަދު ހަމީމް، އެދުރުގެ / ގދ. ގައްދޫ، 42 އަހަރު.
2- ޝަފީޒް މުޙައްމަދު، ރޮމޭންސް / ގއ. ކޮނޑޭ، 35 އަހަރު.
3- އަލީ ޝާކިރު، ދިޙްޝާންވިލާ / ގއ. ނިލަންދޫ، 30 އަހަރު.
4- އަޙްމަދު އަނިލް، ގަހާކޯޅި / ގއ. ކޮނޑޭ، 34 އަހަރު.
5- ޔާމިޙް ހަމީދު ، އެދުރުގެ / ގދ. ގައްދޫ 23 އަހަރު.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ މި މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 158 މޭލު ބޭރުން މަސްތުވާތަކެތި ހިފައިގެން ލޯންޗަކުން އަންނަކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޓީމަކުން ކަނޑުމައްޗަށްގޮސް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ. އަދި މި އޮޕަރޭޝަންގައި ޑިންގީން ގެންދިޔަ މަސްތުވާތަކެތި ފޮރުވާފައިހުރި ސަރަހައްދަކީ އާންމުކޮށް މީހުން ގޮސްނޫޅޭ ރަށްތައް ގިނަ ސަރަހައްދެއްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ވަރަށް ބޮޑަށް މި ޕްރޮސަސްގެ ތެރޭގައި މަސްތުވާތަކެތި ވަޅުލެވިފައި ހުރި ތަނެއް ހާމަނުކޮށް ޑިލޭކުރަމުން ގެންދިޔަ. އަޅުގަނޑުމެންނަށް ބޮޑަށް ގަބޫލުކުރެވެނީ އެވަގުތުގެ ބޭނުންކުރުމައްޓަކާއި ކަމަށް، ފުރަތަމަ އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ފަޅުރަށުގައި މަސްތުވާތަކެތި ވަޅުލުމުގެ އެއްވެސް ކަމެއް ހިނގާފައިނުވޭ. އެހެން ނަމަވެސް ފަހުން އަޅުގަނޑުމެން އެފަރާތްތަކުގެ އެއްބާރުލުމާއެކު މަސްތުވާތަކެތި ވަޅުލެވިފައި ހުރި ތަންތަން، އަދި ފުލުހުންގެ މަސައްކަތުން ހުޅުވާރުލުގައި މަސްތުވާތަކެތި ވަޅުލާފައި ހުރިކަން އެނގުނު" އަޙްމަދު ޝާކިރު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގައި 149 ކިލޯ ހުރިކަމަށް ކުރިން ރިޕޯޓް ކޮށްފައިވަނީ އޭގެ ބަރުދަންކަމަށް އަންދާޒާ ކޮށްފައިކަމަށެވެ. ނަމަވެސް ފޮރިންސިކްގެ ވަގުތީ ނަތީޖާއަށް ބަލާއިރު މީގެ ތެރޭގައި ހިމެނެނީ ޕެކިންއާ ނުލާ 96.36 ކިލޯގެ އޯޕިއޭޓްސް އާއި ކެނަބިސްކަމަށް ބެލެވޭ 47.27 ކިލޯގެ ތަކެތި ކަމަށެވެ.

މީގެ އިތުރުން ދެވަނަ މައްސަލައެއްގެ ގޮތުގައި ފުލުހުން މަޢުލޫމާތު ހާމަކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަސްތުވާތަކެއްޗާއެކު އަތުލައިގަތް ޢިރާނުގެ ބޯޓާ ގުޅޭ މަޢުލޫމާތެވެ. ފުލުހުން ހާމަކުރިގޮތުގައި ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި މިއޕޮޕަރޭޝަންގައި އެބޯޓުން ހައްޔަރުކޮށްފައިވަނީ އީރާނަށް ނިސްބަތްވާ 6 މީހަކާއި، ޕާކިސްތާނަށް ނިސްބަތްވާ އެންމެ މީހެކެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި ހިމެނޭ 7 މީހުންނާއި ގުޅޭ އެންމެ ސައްޚަ މައުލޫމާތުތައް އެޤައުމުތަކާއި ގުޅިގެން ހޯދަމުންދާކަމަށެވެ.

އީރާނުގެ ބޯޓުން ފެނިފައިވާ މަސްތުވާތަކެއްޗަކީ ބަރުދަނުގައި ފޮރިންސިކް ތަހްލީލުގެ ވަގުތީ ނަތީޖާދައްކާގޮތުން ޕެކިންއާ ނުލާ 42.59 ކިލޯ ހުރި އޯޕިއޭޓްސްކަމަށް ފުލުހުން ހާމަކުރެއެވެ.

ގދ. ހުޅުވާރުލުން ފެނުނު މަސްތުވާތަކެތީގެ މައްސަލައާއި އީރާނުގެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުމު ދެމައްސަލައަށްވުމުން މިދެމައްސަލައާ ގުޅުންހުރި ބަޔަކު ނުވަތަ މިކަމުގައި ޝާމިލުވާ އިތުރުބަޔަކު ތިބިތޯ ކަށަވަރުކުރުމަށް އިތުރަށް ފުޅާދާއިރާއެއްގައި ތަޙްޤީގުކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރެއެވެ.