ސިޔާސީ

އެސްއޯއެފް އެކައުންޓަށް ޗެކްތައް ޖަމާކުރި މައްސަލާގައި ބީއެމްއެލްގެ މުވައްޒަފުންނާ ސުވާލުކުރަނީ


އެމްއެމްޕީއާރްސީގެ ނަމުގައި އެކިފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި ބޭންކް އޮފް މޯލްޑިވްސްގެ ކަމާ ގުޅުންހުރި މުވައްޒަފުންނާ ސުވާލުކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ތަޙްޤީޤްކޮށް އޭސީސީން ޢާންމުކުރި ރިޕޯޓުގައި 57 ރަށަކުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 60 މިލިއަނަށްވުރެ ގިނަ ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އޭސީސީން ގެންދަނީ ތަޙްޤީޤްކުރަމުންނެވެ.

އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް "ޕީއެސްއެމް ނިއުސް"އަށް ވިދާޅުވީ، އެ މައްސަލައިގެ ތަޙްޤީޤު ބާރަށް ކުރިއަށްދާކަމަށާއި، މައްސަލައާ ގުޅުންހުރި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުނާއި ސުވާލުކުރަމުންދާ ކަމަށެވެ. އެ މައްސަލައަކީ ތަޙްޤީޤް ކުރިއަށްދާ މައްސަލައެއްކަމުން އިތުރު ތަފްސީލް މުއައްވިޒު ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެ މައްސަލާގައި ދައުވާކުރަންޖެހޭ ކަމަށް ފެނިއްޖެނަމަ އެ މައްސަލަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެކަމަށް މުޢައްވިޒް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި 1.4 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ޖަމާކުރަމުންދިޔަ ޗެކްތަކާއި ބެހޭ މަޢުލޫމާތުތައް، ކަމާބެހޭ ހުރިހާ ފަރާތްތަކާ ޙިއްޞާކުރި ކަމަށާއި، އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރީ އެ ޗެކުތައް އެންޑޯސްކޮށްފައި ހުރުމުންކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އެންޑޯރސް ކޮށްފައިވާ ޗެކެއް ޖަމާކުރުމަށް ގެނައުމުން އެ ޗެކްދޫކުރި އެކައުންޓްގެ ވެރިފަރާތުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކުރެވިފައިވާ ކަމަށާއި، ހުއްދަދެވިފައިވާ ގޮތަށް ސޮއިކުރެވިފައިވާ ފުރިހަމަޗެކެއްތޯ ބޭންކުން ބަލަމުން އަންނަކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 14 ގައި އެންޑޯރސް ކޮށްފައިވާ ޗެކްބަލައިގަތުން ހުއްޓާލަންދެން، ފެށުނީއްސުރެ ބޭންކުން ޢަމަލުކުރަމުން އައީ މިގޮތަށްކަމަށް ބީއެމްއެލްއިން ބުނެފަވެއެވެ. އެހެންކަމުން އެސްއޯއެފް އެކައުންޓަށް ޖަމާކުރެވުނު ޗެކްތައްވެސް ޖަމާކޮށްފައިވަނީ މި އުސޫލުގެ ދަށުންކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ ފައިސާގެ ޗެކުތައް އެސްއޯއެފް އެކައުންޓަށް ސުވާލެއް ނެތި ޖަމާ ކުރުމާއި ވަގަށް ނެގި ފައިސާ އެސްއޯއެފުން އެކި މީހުންނަށް ޓްރާންސްފާ ކުރިއިރު ބޭންކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށް ބުނެ ގިނަބައެއްގެ ފާޑުކިއުން ބީއެމްއެލަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.