ޚަބަރު

ލޯންޗެއްގައި ބެޓެރިއެއް ގޮވާ 3 މީހަކު ޒަހަމްވެއްޖެ


ހުޅުމާލެ ޖެޓީގައި އޮތް އެމްޓީސީސީގެ ލޯންޗެއްގައި ބެޓެރިއެއް ގޮވާ 3 މީހަކު ޒަހަމްވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭ ލަކުޑި ޖެޓީގައި އޮތް އެމްޓީސީސީ އެކްސްޕްރެސް ލޯންޗްގެ ބެޓެރިއެއް ގޮވާ ތިން މީހަކު ޒަހަމްވެގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށެވެ. ޒަހަމްވި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މޫނާއި އަތާއި ފައި ފިހިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މީގެ ތެރެއިން ބޮޑަށް ފިހުނު މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގެ އީއާރުގައި ފަރުވާދެމުންދާކަމަށާ އަނެއް މީހާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ލޯންޗުގެ ޕެޓްރޯލް ޕަމްޕުގެ ސްވިޗް ބަދަލުކުރަން އުޅުމުގެ ތެރޭގައި ސްޕާރކްވެގެން ބާރު އަޑަކާއެކު ބެޓެރި ގޮވުމުގެ ސަބަބުންކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު އެގާރަގަޑި ފަނަރަ ހާއިރުކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.