ސިޔާސީ

ފިނިފެންމާ ލޯންޗުގެ މައްސަލާގައި އަދީބަށް އިއްވި ހުކުމް ބާތިލްކޮށްފި


ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ. ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ކުރިމިނަލްކޯޓުން ވަނީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ދަށުކޯޓްގެ ހުކުމް ބާތިލުކޮށް ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަލުން ބެލުމަށް ކުރިމިނަލްކޯޓަށް އަމުރުކޮށްފައެވެ. އަދި އެ މައްސަލަ ބެލުމަށް 15 ދުވަހަށް އަދީބު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށްވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ ތާއިދުކޮށްފައިވެެއެވެ. އަދި އެއް މުއްދަތު ހަމަވުމުން ބަންދާއި މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށައެޅުމަށްވެސް އެ ނިންމުމުގައި ވެއެވެ. އެހެންނަމަވެސް މައްސަލަ ބެއްލެވި ބެންޗްގެ ރިޔާސަތު ބެލަހެއްޓެވި ފަނޑިޔާރުގެ ރައުޔު އެކަމުގައި ތަފާތެވެ . ރިޔާސަތުގައި އިންނެވި ފަޑިޔާރުގެ ރައުޔަކީ އަދީބު ބަންދުގައި ބަހައްޓަން ޖެހޭނީ މައްސަލައިގެ ޝަރީއަތް ނިމެންދެނެވެ.

ހައިކޯޓުން ނިންމި މައްސަލާގައި ބުނެފައިވަނީ ދަށު ކޯޓްގެ ނިންމުން ބާތިލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަށް ބިނާކޮށްކަމަށެވެ. އެ ގޮތުން ބައެއް މައްސަލަތަކުގައި އެކަށީގެންވާ ފުރުސަތު ދީފައި ނުވާކަމަށާއި މައްސަލަތައް ނިންމާފައިވަނީ ޤާނުނު އަސާސީ އާއި ހިލާފަށްކަމަށްވެސް އެ އަމުރުގައި ފާހަގަކޮށްފައިވާކަން ހއިކޯޓްގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ފަދަ މައްސަލަތުގެ ތެރޭގައި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލަ ހިމެނޭކަންވެސް ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އެކަށީގެންވާ ފުރުސަތު ދިީގެން މައްސަލަ ހިންގުމަށް އެކެއް ފެބްރުއަރީގައި ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާއިރު އެ އަމުރުގެ އެ އެބައި ބާތިލުކޮށްފައި ނުވާކަމަށްވެސް ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ދަށުކޯޓްގެ ނިންމުން ބާތިލުކޮށް އަދީބުގެ މައްޗަށް އަލުން ޝަރީއަތް ހިންގުމަށް އަދީބު ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފައި ވީނަމަވެސް އަދީބުގެ ސިއްހީ ހާލަތު ހުރިގޮތުން އަދީބު ގޭ ބަންދަށް ބަދަލުކުރަންޖެހޭކަމަށް ނިންމާ މިމަހުގެ ދެވަނަ ދުވަހު ސުޕްރީމުކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތްކުރުމާއި ކޮރަޕްޝަންގެ އެކި މައްސަލަތަކާއި ގުޅިގެން އަހުމަދު އަދީބުގެ މައްޗަށްވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެތެރެއިން އަދީބުގެ މައްޗަށް އިއްވާފައިވާ އެންމެ ބޮޑު ހުކުމް ހައިކޯޓުން މިވަނީ ބާތިލުކޮށްފައެވެ.

އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ގޯސް ކަމަށްބުނެ އެ މައްސަލަ ބާތިލުކުރުމަށް ޕީޖީ އޮފީހުންވެސް ވަނީ ސުޕްރީމްކޯޓްގައި އެދިފައެވެ. އަދި އެ މައްސަލާގައި އަދީބު ފިސްތޯލު ގެންގުޅުނުކަން ސާބިތުވާ ވަރަށް ހެއްކި ނެތްކަމަށްވެސް ދައުލަތުން ވަނީ މިދިޔަ މަހުގެ 28 ވަނަދުވަހު ސުޕްރީމްކޯޓުން ބުނެފައެވެ. މި މައްސަލާގައި ސުޕްރީމްކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

އަދީބުގެ އިތުރުން ފިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރުގެ މައްޗަށް އިއްވި ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ. އެ ދެމީހުންގެ މައްޗަށް އިއްވާފައިވަނީ 10 އަހަރުގެ ޖަލު ހުކުމެކެވެ.