ސިޔާސީ

ލަންކާގެ އަސްކަރީވެރިޔާ ދެއްކި ވާހަކަތަކުގެ ހަޤީޤަތް ހާމަކޮށްދޭން ދިވެހި ސަރުކާރުން އެދިއްޖެ


ހައްދުފަހަނައަޅާފައިވާ އައިސް ޖަމާއަތާއި ގުޅުމަށް ދެވަނައަށް އެންމެ ގިނައިން ދަނީ ރާއްޖެއިންކަމަށް ބުނެ ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ ދެއްކެވި ވާހަކަތަކަށް ދިވެހި ސަރުކާރުން ރައްދުދީފިއެވެ.

ފޮރިންގ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުޙައްމަދު ވިދާޅުވީ، ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ދިވެހިރާއްޖެއާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ކަންބޮޑުވުންތަކާއި، އެ ވާހަކަތަކުގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ކަންކަމާއި ގުޅޭގޮތުން ސްރީލަންކާ ސަރުކާރާއެކު ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އަދި ސްރީލަންކާގައި ދިރުއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ދިވެހި ސަރުކާރުން ސްރީލަންކާގެ ސަރުކާރުގައި ދަންނަވާފައިވާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ޙަމަލާތަކުގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަމަށް މިހާތަނަށް ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިނުވަނީސް، ކަމުގެ ހަޤީޤަތް އޮޅިދާނެފަދަ ގޮތަކަށް، އަދި ދިވެހިންނާމެދު ނަފްރަތު އުފެދިދާނެ ގޮތަކަށް ޒިންމާދާރުކަން ކުޑަކޮށް މީޑިއާގައި ވާހަކަ ދައްކާފައިވާތީ، ކަމުގެ ހަޤީޤަތް އެނގޭނެ ގޮތަށް ރަސްމީ ބަޔާނެއް ނެރެދިނުމަށްވެސް ސްރީލަންކާ ސަރުކާރުގައި ދަންނަވާފައިވާ ކަމަށެވެ.

އަވަށްޓެރި ޤައުމުތަކަށް ދިމާވާ މިފަދަ ކަންކަމުގައި ދިވެހިރާއްޖެއިން ކުރިއެކޭ އެއްފަދައިން ކުރިއަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި، ދެކުނު އޭޝިއާ ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން މިންޖުވެގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ޤައުމުތަކާއި ގުޅިގެން ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ އިންޑިއާގެ ޓީވީ ޗެނެލަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ލަންކާ މަގުން ސީރިޔާއަށް ހަނގުރާމައަށް އެންމެ ގިނައިން މީހުންދަނީ ދިވެހިރާއްޖެއިން ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ސްރީލަންކާގައި މަޑުކުރާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް އެއީ ދިވެހި ސަރުކާރުގެ މައްސަލައެއް ނޫންކަމަށާއި، އެއީ ވަކިވަކި މީހުން ނުވަތަ ޖަމާޢަތްތަކުން ކުރާކަމެއްކަމަށްވެސް ސެނަނަޔަކަ ވިދާޅުވެފައިވެއެވެ.