ޤަވައިދާ ހިލާފަށް މަގުމައްޗަށް ކުނި އެޅި 72 މީހަކަށް އަނގަބަހުން ނަސޭހަތްދީ 17 ފަރާތެއް ޖޫރިމަނާކޮށްފިއެވެ.
ފުލުހުންގެ އެންވަރަމަންޓް ޕޮލިހުން އާޢްމުކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޤަވައިދާ ހިލާފަށް މަގުމައްޗަށް ނެރެ ކުނި ބެހެއްޓި 75 ތަނަކަށް ފުލުހުން ވަނީ ވަދެފައެވެ. މި ގޮތުން މަގުމައްޗަށް ކުނި ނެރެ އެއްކޮށްފައިވާ 23 ގެއަކާއި 26 ފިހާރައަކަށް އެންވަޔަރަމަންޓް ޕޮލިހުން ވަނީ ވަދެފައެވެ. މީގެ އިތުރުން 2 އޮފީހަކާއި ކެފޭ ރެސްޓޯރަންޓްގެ ގޮތުގައި ހިންގަމުން އަންނަ 10 ތަނަކަށްވެސް ފުލުުހުން ވަނީ ވަދެފައެވެ. އަދި މަގުމައްޗަށް ކުނި ނެރެ ޖަމާކޮށްފައި ހުރި ކޮންސްޓަރަކްޝަން މަސައްކަތްކުރާ 14 ސައިޓެއް ފާހަގަކުރެވި އެތަންތަނަށްވެސް ފުލުހުން ވަދެފައިވާކަމަށް އެންވަޔަރަމެންޓް ޕޮލިހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މަގުމައްޗަށް ކުނި އަޅާފައިވާ 75 މައްސަލައެއް މިދިޔަ ހަފްތާގައި ފާހަގަކުރެވިފައިވާއިރު އޭގެ ތެރެއިން 61 މައްސަލަ ފުލުހުން ވަނީ ހައްލުކޮށްފައެވެ. އަދި 14 މައްސަލައެއް މިހާތަނަށް ހައްލުވެފައިނުވާކަމަށް އެންވަޔަރަމަންޓް ޕޮލިހުން ބުނެއެވެ.
ކުނީގެ މައްސަލަތަކުގެ އިތުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތައް ހުއްޓުވާ އެފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމަށްވެސް އެންވަޔަރަމަންޓް ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ގޮތުން މިދިޔަ ހަފްތާގައި އެކަނިވެސް މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރި 19 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް އެންވަޔަރަމަންޓް ޕޮލިހުން ބުނެއެވެ.