ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ ބާއްވަން ނިންމައިފިއެވެ.
މި މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުން ފަށާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ދީބާޖާ އިންވެސްޓުމަންޓަކީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ޙަވާލުކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައުލަތުން ދިނުމަށް ވަނީ ޙުކުމް ކޮށްފައެވެ.
މާދަމާ މި މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވާއިރު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެ ކޯޓުގައި ވަނީ އެދިފައެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނެފައިވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ އެކޯޓުން ހިންގަން ފަށާފައިވަނީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުން ގެންގޮސްފައިވާ "ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ އުސޫލާއި" ހިލާފަށް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ބުނީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން އެ ކުންފުންޏަށް ސަރުކާރުން 348 މިލިއަން ރުފިޔާ ދޭން ޖެހޭކަމަށް ކޯޓުން ކުރި ޙުކުމް ތަންފީޛުކުރަމުން ދަނީ އުޞޫލުތަކާއި ޚިލާފަށް ނޫން ކަމަށެވެ.