ޚަބަރު

ބްރިޖުން ދަތުރުކުރާ ކާރުތައް ހުއްޓުވައި ސީޓްބެލްޓު އަޅާފައިވޭތޯ ބަލަނީ


ސިނަމާލެ ބްރިޖުގައި ދުއްވާ ކާރުތައް ހުއްޓުވައި ސީޓްބެލްޓު އަޅާފައިވޭތޯ ޗެކު ކުރަން ފަށައިފިއެވެ.

ފުލުހުންގެ ސްޕޯކްސް ޕާރސަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ބްރިޖު މަތީގައި ދުއްވާ ކާރުތައް ފުލުހުން ހުއްޓުވަމުން މިހާރު ގެންދާ ކަމަށެވެ. އަދި އެގޮތަށް ހުއްޓުވަނީ ސީޓް ބެލްޓު އަޅާފައިވޭތޯ ޗެކު ކުރުމަށް ކަމަށެވެ. ސީޓު ބެލްޓު ނާޅާ ދުއްވާ ނަމަ ސީޓް ބެލްޓު އެޅުމަށް ނަސޭހަތްތެރިވާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ. ނަމަވެސް އެކަމުގައި އެއްވެސް ފަރާތަކަށް ފިޔަވަޅެއް ނާޅާނެ ކަމަށް އިޒްމިއާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސީޓް ބެލްޓު އަޅާފައިވޭތޯ ބަލަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށާއި ހިނގާފާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެ ތިބުމަށް ކަމަށެވެ.

ދެހާސް ނުވަވަނަ އަހަރުން ފެށިގެން ޢަމަލު ކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ބުނެފައިވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަ މަގުތަކުގައި، ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ދަތުރުކުރާއިރު ސީޓްބެލްޓް އެޅުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.