ކުޅިވަރު

ސާއިދާއިއެކު އައިއޯއައިޖީގައި ވާދަކުރާ އެތުލެޓިކްސް ސްކޮޑް އިޢުލާންކޮށްފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރަން މެޑަލް ހޯދި ސާއިދު ހިމަނައިގެން މިއަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ގައުމި އެތްލެޓިކްސް ސްކޮޑު އިޢުލާންކޮށްފިއެވެ.

އައިއޯއައިޖީއަށް ދާ ޓީމް އިޢުލާންކޮށްފައިވަނީ 16 ދުވުންތެރިންނާއެކުއެވެ. އެންމެ ފަހުން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސާއިދުވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައިއެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީޙުގައި މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރުއެވެ.

މިއަހަރުގެ ފިރިހެން ސްޕްރިންޓް ޓީމުގައި ހިމެނުނީ އަފްޝާން އަލީ އާއި ސަރީސް އަހުމަދު އާއި އިބްރާހިމް ނުޖޫމް ހަސަން އަދި އިބާދުﷲ އާދަމްއެވެ. އެ 5 ދުވުންތެރިން ތަމްރީންތައް ހެދުމަށް މާދަމާރޭ މެލޭޝިއާ އަށް ފުރާނެ ގޮތަށްވަނީ ހަމަޖެހިފައިއެވެ. މިޓީމްގެ ކޯޗަކީ އަހުމަދު ފާޒިލްއެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ އެތްލެޓިކްސް ސްކޮޑްގައި ހިމެނެނީ ފިރިހެން ކުޅުންތެރިންނަކީ ހަސަން ސާއިދު، ސަރީސް އަހުމަދު، އިބްރާހިމް އަޝްފާން އަލީ، މުހައްމަދު ނާއިލް، ނުޖޫމް ހަސަން، އިބާދުﷲ އާދަމް، ހުސެއިން ރިޒާ، ހުސެއިން ފަޒީލް ހާރޫން، އަހުމަދު ޝަރަފްގެ އިތުރުން ޝިފާޒް މުހައްމަދުއެވެ. އަންހެން ޓީމްގައި ހިމެނެނީ މަރިޔަމް އަލްހާ ހުސެއިން، ނަޝާ ނިޒާރު، ސާރާ މަސްހޫދު، އައިޝަތު ހިމްނާ ހަސަން، އާމިނަތު ޖާއިޝާ ޖުނީޒް އަދި މަރިޔަމް އަބްދުލް ކަރީމްއެވެ.

ޖުލައި މަހުގެ 28 ވަނަ ދުވަހު މޮރިޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސާއިދު ދުވާނީ ސަތޭކަ އަދި ދުއިސައްތަ މީޓަރު ދުވުމުގައެވެ. ޝިފާޒް އަދި ޝަރަފް ދުވާނީ ހާފް މެރަތަންގައެވެ. ފަޒީލް ދުވުމަށް ހަމަޖެހިފައިވަނީ ފަސްހާސް އަދި ދިހަހާސް މީޓަރު ދުވުމުގައިއެވެ. ރިޒާ ދުވާނީ އަށްސަތޭކަ މީޓަރު އަދި ފަނަރަސްތޭކަ މީޓަރު ދުވުމުގައެވެ.

އެލްލެޓިސް އެސޯސިއޭޝަންއިން ބުނީ މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ސްކޮޑްކަމަށާއި އަދި މިޓީމަށް ބަދަލުތަކެއް އައިސްދާނެކަމަށެވެ. މެލޭޝިޔާގެ ތަމްރީން ދަތުރަށްފަހު، ޓައިމިން ރިލޭ ދިވުންތަކެއް ޖެހުމަށް ހަމަޖެހިފައިވާކަމަށާއި އެދުވުންތަކަށްފަހު ސްކޮޑަށް ބަދަލްތަކެއް އައިސްފާނެކަމަށްވެސް އެތްލެޓިކްސް އެސޯސިއޭޝަންއިން މަޢުލުމާދިނެވެ.

މިމުބާރާތަށް ތައްޔާރުވުމަށް ރިޒާ އާއި ފަޒީލް އަދި ނާއިލް އިންޑިއާ ކޯޗު ޝިވަނަންޑާ އަލަގަވަޑީގެ ބެލުމުގެ ދަށުން ތަމްރީން ހަދަން އިއްޔެ އިންޑިއާގެ ބެންގަލޫރަށް ފުރާފައިވާއިރު ހާފް މެރެތަން އަށް ތައްޔާރުވުމަށް ޝިފާޒް އަންނަނީ ކެންޔާގައި ތަމްރީން ހަދަމުން. އަދި ޝަރަފް އަންނަނީ މޮރޮކޯގައި ތަމްރީންތައް ހަދަމުންނެވެ.