ކުޅިވަރު

ދިވެހި ޕްރިމިއަރ ލީގުގައި ނިއުގެ ޖާގަ އެހެން ޓީމަކަށް ނުދޭން ނިންމައިފި


ނިއުގެ ބަދަލުގައި ދިވެހި ޕްރިމިއާ ލީގުން އެހެން ޓީމަކަށް ޖާގަ ނުދޭން އެފްއޭއެމުން ނިންމައިފިއެވެ.

ނިއުގެ ސީނިއަރ ބައެއް ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުގެ ސަބަބުން އެންމެ ފުރަތަމަ ނިއު ސަސްޕެންޑް ކުރީ އެފްއޭއެމްގެ އެކްސްކޯއިންނެވެ. އެއަށްފަހު އެ ސަސްޕެންޝަން ދަމަހައްޓަން ނިންމީ އެންމެ ފަހުން ބޭއްވި ކޮންގްރެސްގައިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ނިއުގެ ބަދަލުގައި އެހެން އެއްވެސް ޓީމަކަށް އެޖާގަ ނުދޭން ނިންމީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ސަސްޕެންޝަންގައި އަދި އޮތުމުގެ ސަބަބުންކަމަށެވެ. އެއީ އެޓީމްއަށް އަދިވެސް ލީގް ފެށުމުގެ ކުރިން ކުޅުންތެރިންނަށް މުސާރަ ދިނުމަށްފަހު، ކުލަބްތަކުގެ އެހީގައި ސަސްޕެންޝަން އުވާލުމުގެ ފުރުސަތު އޮތުމުންކަމަށެވެ. އެހެން ޓީމްއަކަށް ފުރުސަތު ދެވޭނީ ކުލަބްއެއް ރެލިގޭޓް ވުމުންކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ. އަދި މިކަމުގައި ގާނޫނީ ފުރުއެރުންތަކެއްވެސް އެބަހުރިކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.

މީގެ ކުރިން އެފްއޭއެމުންވަނީ ނިއުގެ ބަދަލްގައި އެޖާގަ ކުލަބް ވެލެންސިޔާއަށް ދޭނެކަމުގެ އިޝާރާތެއްކޮށްފައެވެ. ނަމަވެސް މިހާރު އެއްވެސް ޓީމަކަށް އެފުރުސަތު ނުދޭން ނިންމާ މިއަހަރުގެ ޕްރިމިއަރ ލީގްގައި ނުވަ ޓީމް ވާދަކުރާ ގޮތަށްވަނީ ނިންމާފައިއެވެ.

އެފްއޭއެންއިންވަނީ މިއަހަރުގެ ޕްރިމިއަރ ލީގްގައި ވާދަކުރެވޭނީ އޭއެފްސީ ކުލަބް ލައިސަންސްއިންގެ މިންގަނޑުތަށް ފުރިހަމަކޮށްފައިވާ ކުލަބްތަކަށް އެކަނި ކަމަށް ނިންމާފައެވެ.
ފުރަތަމަ ޑިވިޝަންގައި މި ފަހަރު ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ، މާޒިޔާ، އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ވިކްޓަރީ، ށ. ފޯކައިދޫ، ފ. ނިލަންދޫ އަދި މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީއާ ދެކޮޅަށް ސީޒަން ހުޅުވާ މެޗްގައި ކުޅޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫއެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ޗެރިޓީ މެޗު ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ފުރަތަމަ ލެގު އަންނަ މަހު ހަތް ވަނަ ދުވަހު ފޯކައިދޫގައި ކުޅުމަށް ފަހު ދެވަނަ ލެގު ކުޅޭނީ މިއަންނަ މަހުގެ 10 ވަނަ ދުވަހު މާލޭގައެވެ.