ކުޅިވަރު

ދެވަނަ ދައުރަކަށް ބޮޑީބޯޑިންގެ ރައީސްކަމަށް ޢަރީފް


މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރަޢީސް ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ޢަބްދުﷲ ޢަރީފް އިންތިޚާބުވެއްޖެއެވެ.

ޢަބްދުﷲ ޢަރީފް ދެވަނަ ދައުރަކަށް އިންތިޚާބުވީ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި، އާ ދައުރަކަށް އެސޯސިއޭޝަންގެ އެކްސްކޯ އެކުލަވާލުމަށް ނެގި ވޯޓުގެ އަގުލަބިއްޔަތު ހޯދައިގެންނެވެ.

އެސޯސިއޭޝަންގެ ނާޢިބު ރަޢީސް ކަމުގެ މަގާމަށް ހޮވުނީ އަހުމަދު އަފްނާން. ސެކެޓްރީގެ މަގާމަށް ރާމިޒް އިބްރާހިމް ހޮވުނުއިރު، ހަޒާންދާރަކަށް ހޮވުނީ ފަހަދް ޝިހާމެވެ.

އައު އެކްސްކޯ އެކުލަވާލުމުގެ އިތުރުން މި ޖަލްސާގައި އެސޯސިއޭޝަނުން މިއަހަރު ރާވާ ހިންގުމަށް ހަމަޖެހިފައިވާ މުބާރާތްތަކުގެ ކަލަންޑަރުވެސް ވަނީ ޢިއުލާންކޮށްފައެވެ.

އެގޮތުން ފާއިތުވި އަހަރާއި ޚިލާފަށް މިއަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، މުޅިން އަލަށް ރާއްޖޭގައި ބޮޑީބޯޑިންގެ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމުގެ އިތުރުން، އެމްބީބީއޭ އެނުއަލް ނައިޓްވެސް ބާއްވަން ވަނީ ނިންމާފައެވެ.

އަދި އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ބަދަލުގެނައުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ
.
އެމްބީބީއޭގެ ރަޢީސްކަމުގެ މަޤާމަށް ޢަބްދުﷲ އަރީފް އިންތިޚާބުވީއިރު، އޭނާއަކީ 2014ވަނަ އަހަރު އެސޯސިއެޝަން އުފެދުނީއްސުރެ މިމަޤާމު ފުރުއްވަމުން ގެންދަވާ ފަރާތްކަން ފާހަގަ ކޮށްލެވެއެވެ.