ސިޔާސީ

ރައީސް ބޭނުންފުޅުވާ މެންބަރެއް ހޮވަން މަސައްކަތް ކުރާނަން: ރިޔާޒު


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ތާޢީދު ކުރައްވާ މެންބަރަކު 19ވަނަ ރައްޔިތުން މަޖިލީހުގެ ރައީސާއި ނާއިބު ރައީސަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް މިފަހަރު ވާދަކުރައްވާ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަދި މިހާރު ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙު ތާޢީދު ކުރައްވާ މެންބަރަކު މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބު ކުރެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) މެންބަރުންގެ ތާޢީދު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ތިމަރަފުށީ ދާއިރާއަށް އުއްމީދީ ބަދަލެއް ގެނެސްދެވެން އޮތީ ސަރުކާރާއި ގުޅިގެން ކަމަށެވެ.

ޖުމްހޫރީ ޕާޓީއަށް މަޖިލިސް އިންތިޚާބުގައި ލިބުނީ ފަސް ގޮނޑިއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއަށް 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވަނީ ހޯދާފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ގިނަ މެންބަރުންތަކެއް ވަނީ ޝަޢުގުވެރިކަން ފާޅުކޮށްފައެވެ. އޭގެތެރެއިން ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. އޭގެތެރޭގައި އައްޑޫ ސިޓީގެ ތިން ދާއިރާއަށް ނިސްބަތްވާ ތިން މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އެއީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. މީގެއިތުރުން ލުފުށީ ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްވެސް މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މި މެންބަރުންތަކުގެ ތެރެއިން ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ އަސްލަމަށެވެ. ރައީސް ޞާލިޙު ތާޢީދު ކުރައްވާ މެންބަރެއްގެ ނަން މިހާތަނަށް ހާމަ ކުރައްވާފައި ނުވިނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވަނީ ރައީސް ޞާލިޙު ތާޢީދު ކުރައްވަނީ އަފީފަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގަ އެވެ.