ޚަބަރު

ނިއުޕޯޓް ހިންގާ ސްޓްރާޑާއަށް ކުރީ ސަރުކާރުން ނާޖާއިޒު މަންފާ ހޯދާދޭން މަސައްކަތްކޮށްފައިވޭ - އޭސީސީ


ނިއުޕޯޓް ހިންގާ ކުންފުނި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ބްރިޖް ޕްލެޓްފޯމް ދޫކޮށްފައިވާ އެއްބަސްވުން ބަދަލުކޮށް އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދާދޭން މަސައްކަތްކޮށްފައިވާތީ އެ މައްސަލަ ތަޙްޤީޤުކުރުމުން ދާކަމަށް އެސީސީން ބުނެފިއެވެ.

ސިނަމާލެ ބްރިޖް ސަރަހައްދުގައި އިމާރާތްކޮށްފައިވާ ކެފޭ އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ފައިސާދިނުމާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަ ބަލާ އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބުރިޖް ވިއުއިން ޕްލެޓްފޯމު ތަރައްޤީކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނިއުޕޯޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކޮށްފައިނުވާކަމަށެވެ. އަދި ސްޓްރާޑާއިން އެއްބަސްވުމާއި ޚިލާފުވިއިރު އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް އޭރުގެ ސަރުކާރުން އަޅާފައި ނުވާކަމަށްވެސް އެސީސީގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދައްކަމުންނުދާތީ އެއްބަސްވުން ބާތިލްކުރުމުގެ އިޚްތިޔާރު ސަރުކާރަށް އޮވެ، އެކަމާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

އަދި އެއްބަސްވުމުގެ ދަށުން ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި “ޗާޓައިމް”ގެ ގޮތުގައި އިމާރާތްކޮށްފައި ހުރި ތަން ތަރައްޤީކުރުން ހިމެނިފައެއް ނުވާކަންވެސް އެސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ސްޓްރާޑާގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކަޗަރއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރަން ދޫކޮށްފައިވާ ބިމުގެ އެންމެ އުތުރުފަރާތުގައިވާ ޕާކިންގ ޒޯނު ހުޅަނގަށް ޖައްސައި އެ ސަރަޙައްދު ފިނިބުއިން ވިއްކާތަނެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.

ބްރިޖް ވިއުއިންގ ޕްލެޓްފޯމާ ގުޅިގެން ސްޓްރާޑާއަށް ދީފައިވާ ބިން ތަރައްޤީކުރުމަށް އިތުރު ހުށަހެޅުންތަކެއްވެސް ސްޓްރާޑާގެ ފަރާތުން ހުށަހަޅާފައިވާކަމަށާއި، މިގޮތުން މި ޕްރޮޖެކްޓަށް ގެންނަން ހުށަހަޅާފައިވާ މައިގަނޑު ބަދަލުތަކަކީ ބްރިޖް ވިއުއިން ޕްލެޓްފޯމުގެ ދެކުނުން އޮތް ބިމުގައި ޒަމާނީ ފުޓްބޯޅަ ޕިޗެއް ތަރައްޤީކޮށް ސަރުކާރާ ޙަވާލުކުރުމާއި 240 ސައިކަލާއި 12 ކާރު ޕާކުކުރެވޭ ޕާކިންގ އޭރިޔާއެއް ތަރައްޤީކުރުމާއި ރަނގަޅު ފެންވަރުގެ ސިނަމާއެއް ތަރައްޤީކޮށް ހިންގުމާއި މަގުމަތީގައި ގަސް އިންދައިދިނުމާއި ކުޑަކުދިން ކުޅޭ އިންޑޯ ޕްލޭ އޭރިޔާއެއް ތަރައްޤީކުރުންކަމަށް ބުނެފައިވެއެވެ. މިކަންތައްތައް ކުރުމުގެ ބަދަލެއްގެ ގޮތުން އެއްބަސްވުން އިތުރު 05 އަހަރަށް އިތުރުކުރުމަށްވެސް ހުށަހަޅާފައިވާކަން ތަޙްޤީޤަށް ފާހަގަވެފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

މީގެއިތުރުން ސަރުކާރުން ބޭނުން ޚިދުމަތެއް ދިނުމަށްޓަކައި ސީ.އެސް.އާރު.ގެ ގޮތުގައި 02 މިލިއަން ރުފިޔާ ދިނުމަށްވެސް ހުށަހަޅާފައިވެއެވެ.

ބްރިޖް ވިއުއިންގ ޕްލެޓްފޯމް ތަރައްޤީކުރުމުގެ މަސައްކަތަކީ ވަގުތީގޮތުން ކުރާ މަސައްކަތެއްކަން ލިޔުންތަކުން އެނގޭއިރު، އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އެއްބަސްވުމުގެ މައިގަނޑު މަޤްޞަދު ގެއްލިފައިވާކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

މާލެއާއި ހުޅުލެއާއި ދެމެދު ޤާއިމުކުރެވޭ ބްރިޖް ގުޅާލެވޭ މަގުތައް ފުޅާކުރުމުގެގޮތުން ހިތިގަސްމަގު ފުޅާކުރުމަށްޓަކައި ސްޓްރާޑާ އިން ޗާޓައިމް ހިންގި ޢިމާރާތް ނަގަން ޖެހުމާ ގުޅިގެން އެކަމުގެ ބަދަލުގައިކަމަށް ބުނެ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަމަށް ބެލެވޭކަމަށްވެސް އެސީސީން ބުނެއެވެ. އަދި ޗާޓައިމް ހިންގި ޢިމާރާތް ނަގަން ޖެހުމުންކަމަށް ބުނެ އެފަރާތަށް ދޭން ނުޖެހޭ ފައިސާއެއް ދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭކަމަށާއި އެ މައްސަލަ ތަހުޤީގުކުރަމުންދާކަމަށްވެސް އެސީސީގެ ބަޔާނުގައިވެއެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ލައުންޖާއި ސިނަމާ ތަރައްޤީކުރުމުގެ ބަދަލުގައި އެތަން ތަރައްޤީކުރުމަށް ދީފައިވާ ބިމުގައި ދެބުރިއާއި ޓެރަހެއް ހިމެނޭ ޢިމާރާތެއްކޮށް އިވެންޓް ކޮމްޕްލެސް ޢިމާރާތެއް ހަދައި ޢިމާރާތުގެ ގްރައުންޑް ފްލޯގައި ޕާކިންގއާއި ޗާޓައިމް ކެފޭ ހެދުމަށް ހުށަހެޅުމާ ގުޅިގެން، އެކަން އެގޮތަށް ކުރިއަށް ގެންދިއުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުއްދަދިނީވެސް ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ބަދަލުކޮށްގެންކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

" ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައްކަމުންނުދާކަން ފާހަގަކުރެވެއެވެ. މިގޮތުން 29 އޮކްޓޫބަރ 2018 ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1,439,363.00 (އެއްމިލިއަން ހަތަރުސަތޭކަ ތިރީސްނުވަހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް) ރުފިޔާ ނުދައްކާ އޮތްކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް 13 އޭޕްރީލް 2017 ގައި ގެނެސްފައިވާ ފުރަތަމަ އިޞްލާޙުގެ ދަށުން ސީ.އެސް.އާރު.ގެ ގޮތުގައި ދައްކަން އެއްބަސްވެފައިވާ 02 މިލިއަން ރުފިޔާވެސް 29 އޮކްޓޫބަރ 2018 އާ ހަމައަށް ދައްކާފައިނުވާކަން ފާހަގަކުރެވެއެވެ. " އޭސީސީގެ ބަޔާނުގައިވެއެވެ.

ޗާޓައިމް ޢިމާރާތުގެ ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ އެއްމިލިއަން ހަތަރުސަތޭކަ ތިރީސްނުވަހާސް ތިންސަތޭކަ ފަސްދޮޅަސް ތިން ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ފައިސާއެއްކަމަށް ނުބެލެވޭތީ އެކަން މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރއަށް 20 ފެބުރުވަރީ 2019ގައި އަންގާފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.