ސިޔާސީ

ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއަށް ޒިންމާދާރުކުރުވާނަން - އީސީ


ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓިތަކަށް ދޫކުރާ ފައިސާއަށް ޕާޓީތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ދައުލަތުގެ ބަޖެޓުން 0.1 އިންސައްތަ ސިޔާސީ ޕާޓިތަކަށް ކޮންމެ އަހަރެއްގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އަންނަނީ ދޫކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ރޭ ވިދާޅުވީ، މިއަހަރުގެ ބަޖެޓުންވެސް ސިޔާސީ ޕާޓީތަކަށް 26 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހާ ގިނަ ޢަދަދެއްގެ ފައިސާ ސިޔާސީ ޕާޓީއަކަށް ދޫކުރާއިރު އެ ފައިސާތަކަށް ވާނުވާ އެނގެންޖެހޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުން ފައިސާ ޚަރަދުކުރާގޮތް އެކޮމިޝަނަށް ޕާޓީތަކުން ހުށަހަޅާ އޮޑިޓް ރިޕޯޓްގައި ބަޔާން ކުރިނަމަވެސް ޕާޓީތަކުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުގެ އިޚްތިޔާރު ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެންކަމުން ސިޔާސީ ޕާޓިތަކުގެ ޤާނޫނަށް ގެންނަ އިޞްލާޙުގައިވެސް އެކަމަށް ރިޔާޢަތްކުރައްވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ތަޙްޒީބީ ޑިމޮކްރަސީއެއްގައި ސިޔާސީ ޕާޓީއަކަށް އެންމެ ފުރިހަމަ ޤާނޫނާ ޤަވާއިދުގެ ތެރެއިން ފުރިހަމައަށް ސިޔާސީ ކަންތައް ކުރެވޭނެ ވެއްޓޭއް ޤާއިމްކުރުން."

އަކްރަމް ވިދާޅުވީ، އިންތިޚާބުތަކުގައި ބާޠިލް ވޯޓް ގިނަވާ މައްސަލައަށް ޙައްލެއް ހޯދުމަށްވެސް މަސައްކަތްކުރަމުން އަންނަކަމަށާއި، އިންތިޚަބުތަކާއި ބެހޭ ޢާންމު ޤާނޫނަށްވެސް އެކަމާގުޅޭ އިޞްލާޙު ހުށަހަޅަން އިލެކްޝަނުން ނިންމާފައިވާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނުގައި ހުރި ފުށުއެރުންތައް ހައްލުކުރުމަށް އިސްލާޙު ހުށަހެޅުމަށް ނިންމާފައިވާއިރު، މިހާރު އެބިލްގެ ޑްރާފްޓެއް އެކުލަވާލާފައިވާކަމަށް އަކްރަމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.