ޚަބަރު

"ރޮބެރީ" ބުންޑަސްލީގާގައި ކުޅުނު ފަހު މެޗުގައިވެސް ލަނޑުޖަހާ ލީގު އުފުލާލައިފި


ބަޔާން މިޔުނިކްގެ އެންމެ ކާމިޔާބު ދެ ވިންގަރުންނަކީ އާރްޔަން ރޮބެން އާއި ފްރޭންކް ރިބަރީ ކަމާމެދު ދެބަސްވާނެ ފުޓްބޯޅަ ސަޕޯޓަރެއް ނޫޅޭނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މިދެ ކުޅުންތެރިން މިސާޒަނަށްފަހު ބަޔާން ދުކޮށްދާނެކަން މީގެކުރިން އިއުލާންކުރިނަމަވެސް ދެ ކުޅުންތެރިންވެސް ބަޔާން އާއެކު ބުންޑަސްލީގާގައި ކުޅުނު އެންމެ ފަހު މެޗުގައިވެސް ވަނީ ލަނޑު ޖަހާފައެވެ. އަދި މިއާއެކު އެންމެ ފަހު މެޗުން މޮޅުވެ ލީގު ތަށި އުފުލާލާފައެވެ.

މިދެ ކުޅުންތެރިންނަކީވެސް ބުންޑަސްލީގާގެ ދެ ލެޖެންޑުންނެވެ. މިގޮތުން ރިބެރީ ވަނީ ބަޔާން އާއެކު ބާރަ ސީޒަން ހޭދަކޮށް ހަށް ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކޮށްފައެވެ. އަދި ރޮބެން ވަނީ ބަޔާން އާއެކު ދިހަ ސީޒަން ހޭދަކޮށް ހަތް ފަހަރު ބުންޑަސްލީގާ ކާމިޔާބުކޮށްފައެވެ.

ދެ ކުޅުންތެރިންގެ ނަން އެއްކޮށްލާ، ކުރުކޮށްލާފައި، ސަޕޯޓަރުންނާއި މީޑިއާތަކުން ދީފައިވާ ނަމަކީ ރޮބެރީއެވެ. އެއީ ރޮބެންގެ ނަމުގެ ކުރީ ކޮޅާއި ރިބެރީ ނަމުގެ ފަހަތުކޮޅު އެއްކޮށްލައިގެން ހަދާފައިވާ ނަމެކެވެ. މިދެކުޅުންތެރިން ތަފާތު ހުނަރާއެކު ބަޔާންއަށް އެތައް ކާމިޔާބީތަކެއް ދެކުޅުންތެރިންވެސް ވަނީ ހޯދާދީފައެވެ.

މިރޭގެ މެޗަކީ މިދެ ކުޅުންތެރިންވެސް ބުންޑަސްލީގާގައި ކުޅުނު އެންމެ ފަހުނަމަވެސް ބަޔާން އާއެކު ކުޅުނު ފަހު މެޗެއް ނޫނެވެ. އެއީ ޖަރުމަން ކަޕް ނުވަތަ ޑީ.އެފް.ބީ ޕޯކަލްގެ ފައިނަލަށް ބަޔާން ދަތުރުކޮށްފައި ވުމުންނެވެ. ޖަރުމަން ކަޕްގެ ފައިނަލްގައި ބަޔާން ބައްދަލުކުރާނީ އާރް.ބީ ލިޕްޒިގް އާއެވެ.

މިމަހުގެ ފަންސަވީހުގައި ކުޅޭ އެ މެޗު ވެގެންދާނީ މިދެ ކުޅުންތެރިންވެސް ބަޔާން އާއެކު ކުޅޭ އެންމެ ފަހު މެޗަށެވެ. އަދި އެންމެ ފަހު މެޗުގައި އިތުރު ތައްޓެއް އުފުލާލުމުގެ ފުރުސަތު ރޮބެރީއަށް މިވަނީ ހުޅުވިފައެވެ.