ޚަބަރު

ފައިނަލްގައި 6 ލަނޑު ޖަހާ ސިޓީއިން ސީޒަނުގެ ތިން ވަނަ ތަށި އުފުލާލައިފި


ރަހީމް ސްޓާލިންގެ ހެޓްރިކާއެކު އެފް.އޭ ކަޕް ފައިނަލްގައި ވަޓްފޯޑް ހައެއް ސުމަކުން ބަލިކޮށް މެންޗެސްޓަރ ސިޓީ ސީޒަންގެ ތިން ވަނަ ތަށި އުފުލާލައިފިއެވެ.

މެންޗެސްޓަރ ސިޓީ އިނގިރޭސި ޕްރިމިއަރ ލީގު އުފުލާލީ އެންމެ ފަހު މެޗު ކާމިޔާބުކޮށް ވާދަވެރި ލިވަޕޫލާއި ޕޮއިންޓެއްގެ ފަރަގުންނެވެ. އަދި ސީޒަންގެ މެދު ތެރެއިން ސިޓީ ކަރަބާއޯ ކަޕް އުފުލާލީ އެ މުބާރާތުގެ ފައިނަލްގައި ޗެލްސީ ޕެނަލްޓީގައި ބަލިކޮށްގެންނެވެ. އަދި މިއާއެކު ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ކޮމިއުނިޓީ ޝީލްޑް ލައިގެން ސިޓީއިން ވަނީ މިސީޒަންގައި ޖުމްލަ ހަތަރު ތަށި ކާމިޔާބުކޮށްފައެވެ.

މިރޭ ކުޅުނު އެފް.އޭ ކަޕްގެ ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ފައިނަލްގައި ވަޓްފޯޑް ބަލިކުރަން ވަރަށް އުނދަގޫވާނެ ކަމަށެވެ. އެހެންނަމަވެސް މެޗު ފެނިގެންދިޔައީ ވަރަށް ތަފާތުކޮށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ލީޑް ނަގައިދިނީ ތަޖްރިބާކާރު މިޑްފިލްޑަރު ޑޭވިޑް ސިލްވާއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ރަހީމް ސްޓާލިންގ ވަނީ ޖެސުސް ފޮނުވާލި ބޯޅަ ގޯލް ލައިން މަތިން ގޯލުގެ ތެރެއަށް ވައްދާލާ ސިޓީގެ ލީޑް ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފުގައި ދެ ލަނޑު ފެނިގެންދިޔައިރު ސިޓީއިން ދެވަނަ ހާފުގައި ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާ ސްޓާލިންގ ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. ސިޓީގެ އަނެއް ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅުން ނިކުތް ކެވިން ދެ ބްރައިނޭ އާއި މެޗު އެއްކޮށް ކުޅުނު ޒުވާން ފޯވާޑް ގެބްރިއަލް ޖެސުސްއެވެ.

މިއާއެކު ސިޓީ ވަނީ ދުނިޔޭގައި ކުޅެވޭ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އެންމެ ގިނަ ލަނޑު ޖަހައިގެން މީގެ ސަތޭކަ ސޯޅަ އަހަރުކުރިން ހަދާފައިވާ ރެކޯޑާ ހަމަކޮށްފައެވެ.

މީގެ އިތުރުން ސިޓީ ވެގެންގޮސްފައިވަނީ އިނގިރޭސި ވިލާތުގެ ޓީމުތައް ކުޅޭ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ.

އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި މިފަހަރުގެ ސީޒަން ސީޓީއިން ނިންމާލިނަމަވެސް އިނގިރޭސި ލީގުގެ ވަރުގަދަކަން ޔޫރަޕްގެ އެންމެ ބޮޑު ދެ މުބާރާތުން ފެނިގެންދެއެވެ. އެއީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެވެސް ފައިނަލްގައި އިނގިރޭސި ހަތަރު ޓީމުން ކުޅެން ތައްޔާރުވަމުންދާތީއެވެ.