ޚަބަރު

ނ.ލަންދޫގެ ދެގެއަކުން ގެއްލުނު ގިނައަދަދެއްގެ ވަކިލާރިތަކެއް ހޯދައިފި


ނ.ލަންދޫގެ ދެ ގެއަކުން ގެއްލުނު ގިނައަދަދެއްގެ ވަކިލާރިތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މިއަދު 1:30 ހާއިރު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ދެ ގެއިން ގެއްލުނު ކަމަށް ބެލެވޭ ވަކިލާރިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ވަކި ލާރި އެ ރަށު އިރުމަތީކޮޅޫ ކުނި ގޮނޑު ސަރަޙައްދު ބަލާ ފާސްކުރިއިރު ފެނިފައިވާކަމަށެވެ.
އެގޮތުން ފެނިފައިވާ ވަކި ލާރިތަކުގެ ތެރޭގައި 1287.89ރ އާއި 41 އިންޑިއަން ރުޕީސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މިމަހުގެ 10 ވަނަ ދުވަހު ލަންދޫގެ 2 ގެއަކުން ވަކި ލާރިތަކެއް ގެއްލިގެން ރިޕޯޓް ކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އެގޮތުން އެއް ގެއަކުން 500ރ ގެއްލިފައިވާކަމަށް އަންދާޒާކުރެވޭއިރު އަނެއްގެއިން ގާތްގަނޑަކަށް 3000ރ ގެއްލިގެން ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާކަމަށާއި މައްސަލަތައް ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.