ކުޅިވަރު

ރަމަޟާން ބެޑްމިންޓަން މުބާރާތުގެ ޗެންޕިއަންކަން ވައިޓް ޓީމް ހޯދައިފި


ޑިލައިޓް 17ވަނަ ރަމަޟާން ބެޑްމިންޓަން މުބާރާތުގެ ޗެންޕިއަންކަން ވައިޓް ޓީމް ހޯދައިފިއެވެ.

ކޮންމެ ރަމަޟާން މަހަކު ކުރިއަށްދާ މިމުބާރާތުގެ ޗެންޕިއަންކަން މިފަހަރު ވައިޓް ޓީމް ހޯދީ ރެޑް ޓީމްއާއި ވާދަކޮށްނެވެ. ޓީމް އިވެންޓް ހިމެނޭ ރަމަޟާން ބެޑްމިންޓަން މުބާރާތުގައި ފައިނަލް މެޗްގެ ފުރަތަމަ މިކްސް ޑަބަލްގައި ވާދަކޮށްފައިވަނީ ވައިޓް ޓީމްގެ ނަބީހާއެވެ، މުނާޒްގެ ޕެއާރ އާއި ރެޑް ޓީމްގެ އިސްމާޢިލް އަދި ނަދީމާގެ ޕެއަރއެވެ. މިމެޗް ސީދާ ދެ ސެޓުން ގެންދިޔައީ ރެޑް ޓީމްއެވެ. ދެވަނަ މިކްސް ޑަބަލްސް މެޗްގައި ވާދަކޮށްފައިވަނީ ވައިޓް ޓީމްގެ ހަސަން އަދި ގައިޔާންގެ ޕެއާރ އާއި ރެޑް ޓީމްގެ ޝިފާއު އަދި ޒަރީރާގެ ޕެއަރއެވެ. މިމެޗް ވައިޓް ޓީމް ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ.

މިކްސް ޑަބަލްސް މެޗްގައި ވައިޓް ޓީމްގެ ޔުމްނާ އަދި ބަސީލް ޕެއަރ އާއި ވާދަކޮށްފައިވަނީ ރެޑް ޓީމްގެ މަނާ އަދި ސައީދާގެ ޕެއާރއާއިއެވެ. މިމެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ވައިޓް ޓީމްގެ ޔުމްނާ އާއި ބަސީލްގެ ޕެއަރއެވެ. މެންސް ޑަބަލް މެޗްގައި ވާދަކޮށްފައިވަނީ ވައިޓް ޓީމްގެ ނިޒާރު އަދި މުއާޒްއާއި ރެޑް ޓީމްގެ މުހައްމަދު އަދި ތަޒްލީމާއެވެ. މިމެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ވައިޓް ޓީމްގެ ނިޒާރު އަދި މުއާޒްގެ ޕެއަރއެވެ. ޖެހިގެން އައި ވުމެންސް ޑަބަލް މެޗްގައި ވާދަކޮށްފައިވަނީ ވައިޓް ޓީމްގެ މަޒާ އާއި އައިޝާ އަދި ރެޑް ޓީމްގެ އާމިނަތު އާއި ނިޝްމާގެ ޕެއަރއާއިއެވެ. މިމެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ރެޑް ޓީމްގެ އާމިނަތު އާއި ނިޝްމާގެ ޕެއާރއެވެ. ފައިނަލް މެޗްގެ އެންމެ ފަހުން ކުޅެފައިވަނީ މެންސް ޑަބަލްސްގެ މެޗެކެވެ. މިމެޗްގައި ވާދަކޮށްފައިވަނީ ވައިޓް ޓީމްގެ ރުބާން އަދި ރިލްވާން އާއި ރެޑް ޓީމްގެ އައްޔޫބް އާއި ގާދިރުގެ ޕެއަރއެވެ. މިމެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ވައިޓް ޓީމްގެ ރުބާން އާއި ރިލްވާންގެ ޕެއަރއެވެ.
މިމުބާރާތުގެ ތިންވަނަ ޓީމްއަކީ ބުލެކް ޓީމްއެވެ.