ޚަބަރު

ޙައްޖު ކޯޓާގެ މައްސަލަ މާދަމާ ފަށާނީ


މި އަހަރު މީހުން ހައްޖަށް ގެންދިޔުމަށް އަމިއްލަ ޖަމާއަތްތަކަށް ކޯޓާ ކަނޑައެޅި ގޮތް ބާތިލުކުރުމަށް ސިސިލްފަރުން ދައުވާ ކުރާ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ސިވިލްކޯޓުން ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ ފަުރަތަމ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ 11 ޖަހާއިރަށެވެ.

ސިސިލްފަރުން އިސްލާމިކް މިނިސްޓްރީ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަނީ ދެފަރާތުގެ މެދުގައި ސުލްހަވެރި ހައްލެއް ހޯދަން ކުރި މަސައްކަތުން ހައްލެއް ނުލިބުމުންނެވެ.

ހައްޖަށް މީހުން ގެންދިޔުމަށް ހުއްދައަށް އެދި ހުށައެޅި 18 ކުންފުނިތަކުން މި އަހަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ 6 ކުންފުންޏަކަށެވެ. އެ 6 ކުންފުންޏަކީ މޯލްޑިވްސް ޙައްޖު ކޯޕަރެޝަން ލިމިޓެޑާއި ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މިނާ ޙައްޖު އެންޑް އުމްރާ ޕްރއިވެޓް ލިމިޓެޑާއި އެކްރޯ ޕްރައިވެޓް ލިމިޓެޑާއި އަލް ހަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.

ސިސިލްފަރުން ދައުވާ ކުރާ މައްސަލާގައި ބުނެފައިވަނީ ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިފައިވަނީ ކުންފުނިތަކަށް މައުލޫމާތު ދިން ގޮތާއި ހިލާފަށް ކަމަށެވެ. ސިސިލްފަރުން ހުށައެޅި މައްސަލާގައި އެދިފައިވަނި އިސްލާމިކް މިނިސްޓްރީންގެ ނިންމުން ބާތިލުކޮށް ދިނުމަށެވެ. އަދި އެ މައްސަލަ ކޯޓުން ނިމެންދެން، ޙައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ ކަންކަން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ހައްޖަށް މީހުން ގެންދިއުމަށް މަރކްސް ދިނުމުގައި އެއްވެސް އޮޅުވާލުމެން ނޯންނާނެކަމަށެވެ. ޙައްޖަށް ދާ ގްރޫޕްތައް ހޮވުމުގައި މައްސަލައެއް އުޅެގެން މިހާތަނަށް އެއްވެސް ކުންފުންޏަކުން އިސްލާމިކް މިނިސްޓްރީއަށް ޝަކުވާ ހުށައަޅާފައި ނުވާކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިޢު ޢަލީ ވިދާޅުވީ ރަސްމީކޮށް މިނިސްޓްރީއަށް ހުށައަޅާއިފިނަމަ މާކްސް ދިން ގޮތުގެ ތަފްސީލް އެ ގްރޫޕަކާއި ޙިއްސާކުރުމަށް ތައްޔާރަށް އޮތްކަމަށެވެ.

ޙައްޖަށް މީހުން ގެންދިއުމުގައި މާކްސް ދީފައިވަނީ އަގަށް 35 އިންސައްތައެވެ. ޚިދުމަތަށް 60 އިންސައްތަ އަދި ތަޖުރިބާއަށް 5 އިންސައްތައިގެ މަގުން މާކްސް ދީގެންނެވެ.