ޚަބަރު

އެއްބަނޑު އެއްބަފާ ދެބެއިން ވެގެން ޖިންސީ ގޯނާކުރި މައްސަލަ ބަލަނީ


ޢުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ޖިންސީ ގޯނާ ކުރި ކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި މައްސަލާގައި ފުލުހުން ތުހުމަތު ކުރަނީ އަންހެން ކުއްޖާގެ އެއްބަނޑު އެއްބަފާ ދެ ބޭބެއިންނަށެވެ.

ފުލުހުން ވިދާޅުވީ މި މަހުގެ 10ވަނަ ދުވަހުގެ ރޭ 10:40 އެހާކަށްހާއިރު ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ލިބޭ ކަމަށް އަތޮޅު ތެރެއިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ބެލިބެލުމުން ފާހަގަކުރެވިގެން ދިޔައީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކީ އަންހެން ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ބޭބެއިން ކަމަށެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީގު ކުރަމުން އަންނަ ކަމަށެވެ.