ޚަބަރު

މެދުއިރުމަތީގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %17 އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީ ސައުދީ އަރަބިއްޔާއެވެ.

މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ވަނީ 19،253 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ ތިނެއް އިންސައްތައެެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި އަހަރުގެ އޭޕްރިލްމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 16،497 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކަށް ބަލާލާއިރު، އޭޕްރިލްމަހު އެކަނިވެސް މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ވަނީ 6،443 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ އޭޕްރިލް މަހާ އަޅާ ބަލާއިރު، %40 އިތުރު އަދަދެކެވެ.

މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ، ސައުދީ އަރަބިއްޔާއިންނެވެ. އެގޮތުން މިއަހަރުގެ އޭޕްރިލްމަހުގެ ނިޔަލަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 7،492 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ސައުދީ އަރަބިއްޔާގެ ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު، %2 އިތުރު އަދަދެކެވެ.

މެދުއިރުމަތީގެ ޤައުމުތަކުންގެ ތެރެއިން ދެން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ، ޔުނައިޓަޑް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީ އިންނެވެ. މިއަހަރުގެ އޭޕްރިލްމަހުގެ ނިޔަލަށް ޔޫ.އޭ.އީ އިން ރާއްޖެއަށް 3،163 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.