ސިޔާސީ

މާލޭ ސިޓީ ކައުންސިލް ހުސްކުރުމަށް 6 ދުވަހުގެ މުއްދަތެއް ދީފި


މާލޭ ސިޓީ ކައުންސިލް ހިންގަމުން އަންނަ ގަލޮޅު ބިއްލޫރިޖެހިގެ ހުސްކުރުމަށް 6 ދުވަހުގެ މުއްދަތެއް ހައުސިން މިނިސްޓްރީން ދީފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. މާލޭ ސިޓީގެ މޭޔަރ މުހައްމަދު ޝިހާބު ވިދާޅުވީ އަަންނަ ހޯމަ ދުވަހުގެ ކުރިން ސިޓީ ކައުންސިލް ހިންގަމުންދާ އިމާރާތް ހުސްކުރުމަށް އަންގާފައިވާ ކަމަށާއި، އަދި ހުރަވީ ބިލްޑިންގުން ބައެއް ސިޓީ ކައުންސިލަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.މިކަމާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހުރަވީ ބިލްޑިންގްގައި ހިންގަމުން އަންނަ ޖެންޑަރ މިނިސްޓްރީ ކުރީގެ ޔުނިވަސިޓީގެ ބައެއް ފެކަލްޓީތައް ހިންގި ހެންވޭރު ސޯސަންގެއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަަމަށާއި، އަދި ސިޓީ ކައުންސިލަށް ހުރަވީ ބިލްޑިންގުން ހުސްވާ ބައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުުރުން ސިޓީ ކައުންސިލް އިދާރާގެ ހުސްބިމުގައި ހުރި ތަކެތި ހުސްކުރުމަށް 3 ދުވަސް ދީފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.ސިޓީ ކައުންސިލްގެ އިމާރާތާއި އެތަނުގެ ބައެއް ބިންތައް ހައުސިން މިނިސްޓްރީއަށް  ނަގެމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ލަފާއެރުވީ، ސިޓީ ކައުންސިލާ ‏‏ހަވާލުކޮށްފައިވާ ބައެއް ބިންތައް އަނބުރާ ނެގުމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ ‏‏މައްޗަށް ވަޒީރުނ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.ސިޓީ ކައުންސިލް ހިންގާ އިމާރާތުގެ އިތުރުން ލޯކަލް މާރުކޭޓްގެ ދުއިސަައްތަ ހަތް ނަންބަރު ކޮއްޓާއި،  މަސް މާރުކޭޓު އެޅުމަށްޓަކައި ބޮޑުތަކުރުފާނުމަގު އުތުރުން ހިއްކާފައިވާ ބިން ވެސް ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.