ކުޅިވަރު

އަނިޔާގެ ސަބަބުން ޔޫރޮޕާ ލީގު ފައިނަލުގައި ލޮފްޓާސް ޗީކަށް ނުކުޅެވޭ


ޗެލްސީގެ ރުބެން ލޮފްޓަސް ޗީކަށް އަނިޔާވެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

އޭނާ އަށް އަނިޔާވީ މި މަހުގެ ފަހުކޮޅު ކުޅޭ ފައިނަލް މެޗަށް ތައްޔާރުވުމަށް ޗެލްސީ ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. އެއީ ނިއު އިންގްލޭންޑް ރިވެލިއުޝަން އަތުން 3-0އިން ޗެލްސީ މޮޅުވި މެޗުގައެވެ.

ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް ކުޅިބަލަން އިން މެޗުގައި ޗީކަށް އަނިޔާވީ މެޗުގެ 68 ވަނަ މިނިޓްގައެވެ. އޭނާ ދަނޑުން ބާލައި ޗޭންޖިން ރޫމަށް ގެނައީ މެޑިކަލް ޓީމުގެ އެހީގައެވެ.

ކޯޗު މައުރީސިއޯ ސާރީ ބުނީ ފައިނަލުގައި ލޮފްޓަސްޗީކަށް ނުކުޅެވުމަކީ ގެއްލުމެއް ކަމަށާއި އަނިޔާ ރަނގަޅުވާނީ އޮޕަރޭޝަންކޮށްގެން ކަމަށެވެ. ސާރީ ބުނީ ދެންތިބި ކުޅުންތެރިންނާއެކު ފައިނަލަށް ފުރިހަމައަށް ތައްޔާރުވާނެއްކަމަށެވެ.

ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި ޗެލްސީ ވާދަކުރާނީ އާސެނަލްއާ ދެކޮޅަށެވެ.

ލޮފްޓަސްޗީކަށް އަނިޔާވުމުން އިނގިރޭސި ގައުމީ ކޯޗު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ނޭޝަންސް ލީގުގެ ސެމީ ފައިނަލާއި ފައިނަލުގައި ވެސް އޭނާ އަށް ނުކުޅެވޭނެތީއެވެ.