ކުޅިވަރު

މުހައްމަދު ސަލާހް ގަތުމަށް ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި


ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ސަލާހް ގަތުމަށް ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފިއެވެ.

ސްޕޭނާއި އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ރެއާލްއިން މިމަސައްކަތް ފެށީ ސަލާހް ލިބޭނެ ކަމުގެ ޔަގީންކަން ނެތިއެވެ. ނަމަވެސް ބިޑްކުރަން ނިންމީ ލިވަޕޫލް ޓެސްޓް ކޮށްލުމަށެވެ.

މިސުރުގެ ފޯވަޑް ސަލާހް ގަތުމަށް ރެއާލްއިން ހުށަހަޅަނީ ކިހާވަރެއްގެ އަދަދެއް ކަމެއް ޔަގީނެއްނުވެއެވެ. ނަމަވެސް ރެއާލްއިން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް 500 މިލިއަން ޕައުންޑް ކަނޑައަޅާފައެވެ.

ލިވަޕޫލުން ވަނީ ސަލާހް ވިއްކަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި ކުޅުންތެރިޔާ ވެސް ހުރީ ލިވަޕޫލް ދޫކޮށްލާ ގޮތަކަށްނޫނެވެ. ސަލާހަކީ މިދިޔަ ދެ ސީޒަނުގައި ވެސް ޕްރެމިއާ ލީގުގެ ރަންބޫޓު ހޯދި ކުޅުންތެރިޔާއެވެ. މިހެންވެ ލިވަޕޫލްގައި މިވަގުތުހުރި އެންމެ މުހިންމު ކުޅުންތެރިއަކީ ވެސް އޭނާއެވެ.