ކުޅިވަރު

ކާމިޔާބީ ހޯދައިދަން ޚަރަދުކުރަން ތައްޔާރު - މެންޗެސްޓާ ޔުނައިޓެޑް

އިނގިރޭސި ޕްރިމިއާ ލީގުގެ ހަވަނައިގައި އޮވެ މި ސީޒަން ނިންމާލަންޖެހުނު މެންޗެސްޓާ ޔުނައިޓެޑަށް އަލުން ކާމިޔާބީ ހޯދައިދިނުމަށް އެ ޓީމްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ އަށް ބޭނުންވާ ފައިސާ ކްލަބްގެ ފަރާތުން ލިބޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ އެގްޒެކިއުޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ބުނެފިއެވެ.

އެޑް ވުޑްވާޑް ބުނީ ދަނޑުމަތީގައި ކާމިޔާބު ހޯދަން ކޯޗަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގާބިލްކަން ޔުނައިޓެޑްގެ ކިބައިގައި އެބަހުރިކަމަށް. އަދި ކްލަބްގެ ބޯޑާއި، ކޯޗާއި ކުޅުންތެރިން ހިމެނޭ ގޮތަށް ޔުނައިޓެޑްގެ މުޅި ޓީމް މި އޮތީ އަލުން އިނގިރޭސި ފުޓްބޯޅައިގެ އެންމެ އުހަށް ޔުނައިޓެޑް ގެނައުމަށްޓަކައި އެކަތިގަނޑެއްގެ ގޮތުގަކަމަށް އެޑް ވުޑްވާޑް ބުނި. މިކަން ހާސިލްކުރުމަށްޓަކައި ދަނޑު މަތިންނާއި ދަނޑު ބޭރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް ޔުނައިޓެޑްގެ އެގްޒެކިއުޓިވް ވައިސް ޗެއަރމާން އެޑް ވުޑްވާޑް ބުނި.

ޔުނައިޓެޑްގެ ކުރީގެ ކޯޗް ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ އެމަގާމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަކިކުރުމާ ގުޅިގެން އެޓީމްގެ ކޯޗްކަމާ ނޯވޭގެ ސޯލްޝެއާ ވަގުތީ ގޮތުން ހަވާލުވިފަހުން ކުޅުނު ފުރތަމަ 11 މެޗްގެ ތެރެއިން 10 މެޗް ޔުނައިޓެޑުން ކާމިޔާބުކުރި. ނަމަވެސް ވަކި ހިސާބަކުން ޔުނައިޓެޑްގެ ނަތީޖާތައް ދައްވާންފެށި. އެއާއެކު ގަދަ ހަތަރަކަށް އެރުމުގެ ބޮޑު އުއްމީދު ހޯދި ޔުނައިޓެޑްގެ ފޯމް ދަށްވެ އެންމެ ފަހުން ސީޒަން ނިންމާލަންޖެހުނީ ތާވަލްގެ ހަވަނައިގައި އޮވެ. ސީޒަންގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ނުވަ މެޗްގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުން.

ލީގް ޗެމްޕިއަންކަން މި ސީޒަންގައި ހޯދި މެންޗެސްޓާ ސިޓީ އަށްވުރެ 32 ޕޮއިންޓް ފަހަތުގައި އޮވެގެން ސީޒަން ނިންމާލި ޔުނައިޓެޑްގެ ކޯޗް ސޯލްޝެއާ ފަހުން ބުނެފައިވަނީ އަލުން ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރަން ދިގު މުއްދަތެއް ނަގާނެކަމަށް. އެންމެ ފަހުން ޔުނައިޓެޑަށް ޕްރިމިއާ ލީގުގެ ތަށި ހޯދިފައިވަނީ އެޓީމަށް އެންމެ ގިނަ ދުވަސްތަކެއް ވަންދެން އިރުޝާދުދިން ސަރ އެލެކްސް ފާގަސަންގެ ކޯޗްކަމުގެ ދަށުން 2013 ވަނަ އަހަރު.