ކުޅިވަރު

ޔޫއެފާ ކުއަޑްރަންގިއުލާ 16 އަހަރުން ދަށުގެ މުބާރާތަކީ ޒުވާން ޓީމަށް ލިބޭ ރަނގަޅު ފުރުސަތެއް - ޖަޑާ


ޔޫއެފާ ކުއަޑްރަންގިއުލާ ސޯޅަ އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް ރާއްޖޭގައި ކުޅެން ލިބުމަކީ ޒުވާން ކުޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ސޯޅަ އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗް ހުސައިން ހަލީމް (ޖަޑާ) ބުނެފިއެވެ.

މިއަހަރުގެ ޖުލައި މަހު ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ކުއަޑްރަންގިއުލާ މުބާރާތަށް ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމް ފަރިތަކުރުންތައްވަނީ ފަށާފައެވެ.

ކޯޗް ހުސައިން ހަލީމް ބުނީ، މިއަހަރުގެ ތެރޭގައި ސޯޅަ އަހަރުން ދަށުގެ ޓީމަށް އިންޓަނޭޝަނަލް ދެ މުބާރާތް އޮތްއިރު، އެމުބާރާތްތަކުގެ ކުރިން ރާއްޖޭގައި ވަރުގަދަ މެޗުތަކެއް ކުޅެން ލިބުމަކީ، ކުޅުންތެރިންނަށްވެސް އަދި ޓީމަށްވެސް އޭގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

އަދި އެމުބާރާތުގައި ކުޅޭ މެޗުތަކާއިއެކު ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށާއި، އެމުބާރާތުގެ ސަބަބުން ކުރިއޮތް ދެމުބާރާތަށް ތައްޔާރުވާއިރު ޓީމުގެ ހުރި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަން ރަނގަޅުކުރަން ފުރުސަތުވެސް ލިބޭނެކަމަށް އޭނާ ބުންނެވެ.

ޖަޑާ ބުނީ މިމުބާރާތުގައި ރާއްޖޭގެ އިތުރުން އޭޝިއާއިން ދެޓީމާއި ޔޫރަޕުން އެއް ޓީމު ވާދަކުރާއިރު، ރާއްޖޭގައި މުބާރާތް ކުޅެން ލިބުމަކީ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދަން ލިބޭނެ ހިތްވަރެއްކަމަށެވެ.

"އަސްލު މުބަރާތް ރާއްޖޭގެ އޮތީމަ، މިއީ ކާމިޔާބީއެއް ހޯދަން ބެލިޔަސް ރަނގަޅު ފުރުސަތެއް، އަނެއްކޮޅުން މެޗް އެކްސްޕީރިއަންސް މީ އެންމެ ލެކްވާ ކަންތައް، އެއްވެސް އެބަ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭ، ދެން މިއަހަރު އަދި އެބޮތް އިތުރު ދެމުބާރަތް، އެ ދެމުބާރާތަށް ތައްޔާރުވާއިރު، ވީކް ޕޮއިންޓްސްތަށް ދެނެގަންނަން ވަރަށް ރަނގަޅު ފުރުސަތެއް މިއީ،" ޖަޑާ ބުންޏެވެ.

ޔޫއެފާ ކުއަޑްރަންގިއުލާގެ އިތުރުން މިއަހަރުގެ ތެރޭގައި، ސޯޅަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި، ސޯޅަ އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައިވެސް ރާއްޖެއިން ވާދަކުރާނެއެވެ.