ސިޔާސީ

ވޯޓް ކަރުދާސްތައް ނައްތާލީ ޕީޕީއެމްގެ ތުހުމަތުތައް ހުއްޓުވުމަށް - ޝަރީފް


ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްތައް އަވަހަށް ނައްތާލެއްވީ ޕީޕީއެމްގެ ފަރާތުން ކުރިމަތިވެވަޑައިގެންނެވި ނުރައްކާތައް ހުއްޓުވުމަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "އެކްސްކުލޫސިވް"ގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމްއާއި އެޕާޓީގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކަކީ އޭނާގެ ޙަޔާތުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ ހިތި ތަޖުރިބާކަމަށް ޝަރީފް ވިދަޅުވިއެވެ.

ނަފްސާނީގޮތުން އެތައް އަނިޔާއެއް ޕިޕީއެމްގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވެވަޑައިގެންނެވިކަމަށާ، ކޮމިޝަންގެ މެންބަރުން އަދި ސްޓާފުން ހައްޔަރުކޮށް ދޮގު ބަޔާންތަކެއް ނެގުމަށްވެސް މަސައްކަތްތަކެއް ކުރެއްވިކަމަށާ ބައެއް ސްޓާފުން "ހައިޖެކް"ކުރިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ޝަރީފް ޙައްޔަރުކޮށް ރިޔާސީ އިންތިޚާބު ބާޠިލުކުރުމަށް އެތައް މަސައްކަތްތަކެއްކުރިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން ޝަރީފް ޙައްޔަރުކުރުމަށް އެތައް ފަހަރަކު ކޯޓް ޢަމުރު ނެރުމަށްވެސް މަސައްކަތްކުރެއްވިކަމަށް ތުހުމަތުކުރައްވާ ޝަރީފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ކުރާ ތުހުމަތުތައް ހުއްޓުވޭނެގޮތަކާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިކަމަށެވެ.

އެހެންކަމުން ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ކަރުދާސްތައް ނައްތާލުމަކީ ކޮމިޝަންގެ މެންބަރުންނަށް ކުރާ ތުހުމަތުތަކާއި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ހުއްޓުވޭނެކަމެއްކަމަށް ދެކެވަޑައިގެންނެވިކަމަށެވެ. އަދި ކަރުދާސްތައް ނައްތާލުމާއެކު އެ ތުހުމަތުތައް ހުއްޓުނުކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ސްޓާފުން އަތުލައިގަނެގެން ބަޔާން ނަގަންވެސް އުޅުނު. މުވައްޒަފުންގެ ފޯން އަތުލައިގެން ފޯން ރިކޯޑްކޮށް ސްޓާފުން ހައިޖެކްކޮށް ބަޔާން ނަގާފައިވެސް އެބަހުރި. އެކަން ހުއްޓުވޭނީ ކިހިނެއްތޯ ބެލުމުން ކޮމިޝަނަށް ފެނުނީ ވޯޓް ކަރުދާސްތައް ނައްތާލުމަށް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދަޅުވީ ޕީޕީއެމްގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ނުރައްކާތަކަށް ޙަމާޔަތް ދެއްވީ އެމްޑީޕީއާއި އެޕާޓީގެ ލީޑާޝިޕުންކަމަށެވެ. ވޯޓު ކަރުދާސްތައް ނައްތާލާފައިވަނީ ޕީޕީއެމުއިން އިންތިހާބާ ބެހޭ މައްސަލަތަކެއް ފުލުހަށް ހުށަހަޅާފައިވަނިކޮށް އެމައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅުމުގެ ގޮތުންކަމަށް ޕީޕީއެމުން ވަނީ ތުހުމަތުކޮށްފައެވެ.

ކަރުދާސް ނައްތާލެއްވީ އެއްވެސް މުއައްސަސާއަކުން އަދި ފުލުހުންވެސް އެކަން ނުކުރުމަށް އަންގާފައިނުވާކަމަށެވެ. ވޯޓް ކަރުދާސްތައް ނައްތާލި މައްސަލާގައި ޖަވާބުދާރީވާން އަދިވެސް ތައްޔާރަށް ހުންނެވިކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވަނީ އިންތިޚާބުގެ ކަރުދާސްތައް ނައްތާލެއްވީ އެއްވެސްކަމެއް ފޮރުވުމަށް ނޫންކަމަށާއި، ޤާނޫނާއި ޤަވާއިދުތަކުން އޮތް އިޚްތިޔާރުގެ ބޭނުން ހިފީކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.