ވިޔަފާރި

ރޯދަމަހު އެންމެ ބާރު ބޮޑީ ބޭކަރީތަކަށް


ރަމަޟާންމަހަކީ ވިޔަފާރިތަކަށް ބާރުބޮޑުވެ ފައިދާވާ މަހެކެވެ. ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކަށްވެސް ބާރުބޮޑު މަހެއްގެ ގޮތުގައި ރަމަޟާންމަސް ފާހަގަކުރެވޭއިރު މިއީ ބޭކަރީ ވިޔަފާރި ކުރާ ފަރާތަކަށްވެސް ނަފާ ބޮޑު މަހެކެވެ.

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ، އާޢްމުކޮށް ގޭގައި ހޭދަކުރި ވަގުތުތައް މަދުވެ ކޮންމެ މީހަކުވެސް މިހާރު ފެންނަނީ އަމިއްލަ މަސައްކަތަކުގައި އަވަދިނެތި އުޅެމުންދާތަނެވެ. ރޯދަމަހު މެންދުރު ގގެ އެންމެން ބައިވެރިވެެން ބަދިގެއަށް ވަދެ ރޯދަ ވީއްލުމަށް ސުފުރާ މައްޗަށް ނެރޭނެ ތަކެތި ހެދުމުގައި އެކުގައި އުޅުނު ޒަމާން އަންނަނީ ނެތި ގެއްލެމުންނެވެ. އެއްބަޔަކު މަސައްކަތުގައި އަވަދިނެތި އުޅެންޖެހުމުން ބަދިގެއަށް ވަދެލާނެ ފުރުސަތެއް ނުވެއެވެ. ކިތަންމެ މީރު އެއްޗެސް ހަދލަން ބޭނުންވި ނަމަވެސް ބާޒާރުގައި ތަކެތި އަގު ބޮޑުމުން އެ ހުރިހާ އެއްޗެއް ގަނެ ތަކެތި ހަދަން ވަގުތު ދުއްވާލުކަމީ ކުރެވޭ ބޮޑު ހަރދެއްގެ ގޮތުގައިވެސް އެއްބަޔަކު ދެކެއެވެ. އެހެންކަމުން ގޭގޭގައި ރޯދަ ވީއްލަން ތަކެތި ހެދުމަށްވުރެ ހަރަދާއި އެތައް ވަގުތެއް ސަލާމަތްކުރެވޭކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ރޯދަމަހު ބޭކަރީތަކަށް އޮންނަ ތަރުހީބު ބަލައިލުމަށް ހަވީރުގެ ވަގުތު އަޅުގަނޑު މާލޭގައި ނަން ހިނގާ ބޭކަރީތަކަށް ދިޔައީމެވެ. ފެނުނީ ރޯދަވީއްލާ ވަގުތު ގާތްވި ވަރަކަށް ބޭކަރީތަކަށް އަންނަ މީހުން ގިނަވެ ތަން ފުރާލއެވެ. ބާރު ބޮޑުކަމުން ދިގު ކިއުތައް ދަމާލާއިރު ބައެއް ތަންތަން ހުޅުވުމުގެ ކުރިންވެސް އެތައް ބަޔަކު ކިއުތަކަށް އަރާތަންތަންވެސް މަދެއް ނޫނެނެވެ.

ބައެއް ބޭކަރީތަކުގައި ތަކެތި ވިއްކަން ތިބި ކުދިންނާއި ވާހަކަދައްކާލުމުން ރަމަޟާންމަހަކީ މި ވިޔަފާރިއަށް ޑިމާންޑް ބޮޑު މަހެއްކަން އިނގުނެވެ. ބޭރިރީތަކުން ވާހަކަދެއްކި މީހުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުނީ މެންދުރު ނަމަދަށްފަހު ހަވީރު ބޭކަރީ ބަންދުކުރަންދެން ތަން ހުސްނުވާކަމަށެވެ. ރޯދަ ވީއްލަން ގާތްވި ވަރަކަށް ބޭކަރީގެ ބޭރުގައިވެސް ކިއު ދަމާލާފައި އޮންނަކަމަށް އެމީހުން ބުންޏެވެ.

އާންމު ގޮތެއްގައި އެންމެ ބޮޑު ޑިމާންޑް އޮންނަނީ ބަނަހުން ތައްޔާރުކޮށްފައިހުންނަ އެކި އުފެއްދުންތަކަށާއި، ފޮނި ކާތަކެއްޗަށްކަމަށް ބޭކަރީތަކުން ބުނެއެވެ. މިތަކެތި ތައްޔާރުކުރާ މިންވަރުވެސް އެހެން މަސްމަހާއި އަޅާބަލާއިރު 2 ގުނަ ރަމަޟާންމަހު އިތުރުކުރާކަމަށާއި ތައްޔާރުކުރާ ހުރިހާ ބާވަތެއްވެސް ހުސްވާކަމަށް ބޭކަރީތަކުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދިނެވެ.

"ރޯދަމަހުގެ ކުރިން ތަކެތި ތައްޔާރުކުރާ ވަރަށްވުރެ ރޯދަމަހު ތަކެތި ތައްޔާރުކުރާ މިންވަރު 2 ގުނަ އިތުރުވާނެ. އަޅުގަނޑުމެން ރޯދަމަހުގެ ކުރީގައި ވިއްޔާ ހަދާނީ 2،000 ބަން. އެކަމަކު މިހާރު ހަދާނީ ޑަބަލް. މާނައަކީ 4،000 ޕުލަސްއޭ. އާންމުގޮތެއްގައި އެންމެ ޑިމާންޑް އޮންނަ އެއްޗެހި ހުސްވާނެ. ގިނަފަހަރު އޮންނަނީ ފަހުން އަންނަ މީހުންނަށް ނުލިބިފައި. އަޅުގަނޑުމެންނަށް އެވަރަށް ނުއުފެއްދިފައި އޮންނަނީ." މާލޭގައި ހިންގާ ބޭކަރީއެއްގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

ރަމަޟާންމަހަކީ ޑެލިވަރީތައްވެސް ގިނަ މަހެއްގެ ގޮތުގައި ބޭކަރީތަކުން ބުނެއެވެ. އެގޮތުން އެހެން މަސްމަހާއި އަޅާބަލާއިރު މާލޭގެ ފިހާރަތަކަށާއި ރަށް ރަށަށް ކުރާ ޑެލިވަރީވެސް އިތުރެވެ. އާންމު ގޮތެއްގައި ބޭކަރީތަކުން ރައްރަށަށް އަދި ބޭކަރީތަކަށް ޑެލިވަރ ކުރަނީ ޕާން ބަނަސް ފަދަ އެކި އުފެއްދުންތަކެވެ.