ށ. ފޭދޫގައި، ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މީހުންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ށ.ފޭދޫގައި ނުކުޅެދުންތެރިކަން ހުރި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލަ ތަޙުޤީޤުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާކޮށް، އެ ކަމުގެ އަދަބު ނުލިބޭނެ ކަމަށް ޤަބޫލުކުރާ ވިސްނުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެ ރަހުމުކުޑަ ޢަމަލު ހިންގި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް. ޢުމުރުން 50 އަހަރުގެ އަންހެނަކު ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި މައްސަލަ ފެންމަތިވީ އެ ފޮޓޯތައް ޝޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
އެމީހާ ހޮޅިދަނޑީގައި ބަނދެފައި ހުއްޓާ މޮހެލާ ދޫކޮށްލީ އެރަށު ބަޔަކަށް ފެނިގެންނެވެ. މި އަންހެން މިހާގެ 5 ކުދިން ތިބޭ. އޭގެ ތެރެއިން ބައެއް ކުދިންނަކީވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންކަމަށް މަޢުލޫމާތު ލިބެއެވެ.
ޖެންޑަރ މިނިސްޓަރ ޝިދާތާ ވިދާޅުވީ އެ އަންހެން މިހާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާކަމަށެވެ. އަދި އެ މީހާއަށް ބަޔަކު އަނިޔާކޮށްފައިވަނީ އެ އަންހެން މީހާގެ ބަލި ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
މި މީހާގެ ފޮޓޯތައް އާޢްމުވުމުން ބައެއް މީހުން ވަނީ އެކަން ކުށްވެރިކޮށް އެކަން ކުރި ބަޔަކު ހޯދާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.