ޚަބަރު

އައި.ޖީ.އެމް.އެޗަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި- މިނިސްޓަރ


އައިޖީއެމްއެޗު ހިނގުމުގައި ސީދާ ހެލްތު މިނިސްޓްރީގެ ދައުރެއް ނެތް ނަމަވެސް އެހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އައިޖީއެމްއެޗާއި ގުޅިގެން ގިނަ ޝަކުވާތަކެއް ހުރިކަން މިނިސްޓްރީއަށްވެސް ފާހަގަކުރެވޭކަމަށެވެ. އަދި ހައްލުކުރަންޖެހޭ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އަލަށް ޢިމާރާތްކުރި 25 ބުރީގެ ޢިމާރާތާއެކު އިތުރުވާ ކެޕޭސިޓީއަށް ބޭނުންވާ އެނދުވެސް އެ ހޮސްޕިޓަލުގައި ޤާއިމްވެފައި ނެތްކަމަށެވެ. އަދި މިކަން ހައްލުކުރުމަކީ ޚަރަދާއި ވަގުތުވެސް ނަގާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައިޖީއެމްއެޗާ ގުޅުންހުރި ގިނަ މައްސަލަތަކެއް ހެލްތް މިނިސްޓްރީއަށްވެސް ހުށަހެޅިފައި އެބަހުރިކަމަށާ، ނަމަވެސް އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދަނީ އައިޖީއެމްއެޗުގެ ބޯޑުންނާއި ރައީސް އޮފީހުން އެކަމަށް ކަނޑައަޅާފައިވާ މިނިސްޓަރ ކަމަށެވެ. އައިޖީއެމްއެޗަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ރައީސް އޮފީހުގެ ފަރާތުން މަސައްކަތްކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ އައިޖީއެމްއެޗުގައި ހުރި މައްސަލަތައް ހައްލުކޮށް ޚިދުމަތްތައް ރަނގަޅުކުރުމަށް އެ ހޮސްޕިޓަލުގެ ބޯޑާއި ރައީސް އޮފީހުން މަސައްކަތްކުރަމުންދާކަމަށާ، ހެލްތް މިނިސްޓްރީއަކީ މުޅި ރާއްޖޭގެ ސިއްޙީ ނިޒާމުގެ ކަންކަން ބަލަހައްޓަމުންދާ އިދާރާކަމުން އެކަންކަން ހައްލުކުރުމަށް މިނިސްޓްރީއަށް ކުރެވެންހުރި މަސައްކަތެއްވެސް ކުރަމުންދާކަމަށެވެ.

ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް މިހާރު ދިމާވެފައިހުރި ބައެއް މައްސަލަތަކަކީ ކުރީގެ ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތަކެއްގެ ސަބަބުން ދިމާވެފައިހުރި މައްސަލަތަކެއްކަމަށް ތުހުމަތު ކުރައްވާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ސަރުކާރު ބަދަލުވިއިރު ސިއްޙީ ދާއިރާގެ ކަންކަން އޮތީ އަތް ނުފޯރާ ފަށަށް ގޮސްފައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީގެ ސަރުކާރުން އެއްވެސް ޕްލޭނެއް ނެތި އަތޮޅުތެރޭގެ 28 ސިއްޙީ ޚިދުމަތްދޭ ތަނެއް 24 ގަޑިއިރަށް ބަދަލުކޮށްފައިކަމަށާ، މީގެ ސަބަބުން ދިމާވި އެކި މައްސަލަތައް އަދިވެސް ޙައްލުނުވާކަމަށެވެ. އެގޮތުން އެތަންތަނުން 24 ގަޑިއިރަށް ސިއްޙީ ޚިދުމަތް ދޭންފަށާފައިވަނީ އެކަށީގެންވާވަރަށް މީހުންނާއި ވަޞީލަތްތައް ޤާއިމު ނުކޮށްކަމުން ރައްޔިތުންގެ ޝަކުވާ އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ ކުރީގެ ސަރުކާރުން އެއްވެސްވަރަކަށް ބެލުމެއް ނެތި ކޮށްފައިވާކމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.