ސިޔާސީ

އީސީން ރިޕޯޓް ފޮނުވީ މަޝްވަރާތައް ނުނިމެނީސް- ޕީޖީ


ނިމިިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުން ތެރެއިން މާލީ ބަޔާން ހުށަނޭޅި ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވީ އެ ކޮމިޝަނާއި ޕީޖީ އޮފީހާދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ނުނިމެނީސްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވި ރިޕޯޓްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބޭނުންވާ މިންގަނޑަށް ގިނަ ކަންކަން ނުފެތޭކަމަށެވެ. އަދި އެ ރިޕޯޓް ޕީޖީއަށް އިލެކްޝަންސް ކޮމިޝަނުން ފޮނުއްވީ ދެފަރާތުގެ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައްވެސް ނުނިމެނީސްކަމަށާއި، އެ މަޝްވަރާތައް ނިމި އެ ރިޕޯޓުގައި ފުރިހަމަކުރަންޖެހޭކަންކަން ދެނެގަނެގެން ކުރެއްވިނަމަ ރިޕޯޓް އަނބުރާ ފޮނުވާލަން ނުޖެހުނީސްކަމަށް ޕީޖީ ބިޝާމް ވިދާޅުވިއެވެ.

" މަޝްވަރާ ނުނިމި އުޅެނިކޮށް އަސްލު ރިޕޯޓްތައް ފޮނުއްވެވީ. އިލެކްޝަންސް ކޮމިޝަންގެ އެއް މެންބަރަކު ގުޅުއްވާފަ ވިދާޅުވި އެ މައްސަލާއި ގުޅިގެން މަޝްވަރާކުރައްވަން. މަޝްވަރާ ބައްދަލުވުން ކުރިއަށް ދަނިކޮށް ރިޕޯޓް ފޮނުއްވީ. އަޅުގަނޑުމެން ބޭނުންވާ ކަންތައް މިންގަނޑަ ނުފެތޭ ރިޕޯޓެއް އަޅުގަނޑުމެންނާ ހަމައަށް އައީ." ބިޝާމް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރި ފަރާތަތަކުގެ ތެރެއިން މާލީ ބަޔާން ހުށައަޅަންޖެހޭ މުއްދަތުގައި ހުށަނޭޅި 39 ކެނޑިޑޭޓެއްގެ މައްޗަށް ދައުވާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުއްވި ނަމަވެސް ޕީޖީން ވަނީ މާލީ ބަޔާން ހުށަނޭޅި ކެނޑިޑޭޓުންގެ ރިޕޯޓްތަކުގައި ބައެއްކަން ކަން ތަހުޤީގު ކުރުމަށްފަހު އަލުން ފޮނުއްވަމަށް އެދިވަޑައިގެން އަނބުރާ އެ ރިޕޯޓް ފޮނުއްވާލައްވާފައެވެ.

އީސީން ވިދާޅުވީ ފުލުހުންނާ ގުޅިގެން އެ މައްސަލަ ވަރަށް އަވަހަށް ތަޙްޤީޤްކުރައްވަން ފަށްޓާވާނެކަމަށާއި، އެއަށްފަހު ވީހާވެސް އަވަހަށް ޕީޖީ އޮފީހަށް ދައުވާކޮށްދިނުމަށް އަލުން ފޮނުވާނެކަމަށެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފުޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތްތަކާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެނޑިޑޭޓު ހިމަނަންޖެހެއެވެ. މި ޤާނޫނުގައި ބުނެފައިވަނީ ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މާލީ ބަޔާން ހުށަނާޅަނީ އަމިއްލަގޮތުން ވާދަކުރެއްވި 31 ކެނޑިޑޭޓަކާއި، ޕީޕީއެމްގެ 2 ކެނޑިޑޭޓުންނާއި، ޕީއެންސީގެ އެއް ކެނޑިޑޭޓު އަދި އަދާލަތު ޕާޓީގެ އެއް ކެނޑިޑޭޓަކާއި އެމްޓީޑީގެ 2 ކެނޑިޑޭޓުންގެ އިތުރުން ލޭބަރ ޕާޓީގެ 2 ކެނޑިޑޭޓުންނެވެ.

އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނަށް މިދިޔަ އަހަރު ގެނައި އިޞްލާހުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6000 ރުފިޔާއާއި 24000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ ޤާނޫނުގައި ވެއެވެ.

ސުންގަޑި ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅާފައިވަނީ އެމްޑީޕީއާ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭއިންނެވެ.