ކުޅިވަރު

އިންޑިއާގެ ގައުމީ ޓީމުގެ ކޯޗަކަށް ސްޓީމެޗް ހަމަޖައްސައިފި


އިންޑިއާގެ ގައުމީ ޓީމުގެ ކޯޗަކަށް ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުރިން ކޯޗް ކޮށްދިން އީގޯ ސްޓީމެޗް ހަމަޖައްސައިފިއެވެ.

އިންޑިއާގެ ކޯޗްގެ މަގާމް ހުސްވީ އެޓީމްގެ ކޯޗްގެ ގޮތުގައި ހުރި އިނގެރޭސި ވިލާތުގެ ސްޓެފަން ކޮންސްޓެންޓައިން މަގާމުން އިސްތިޢުފާ ދިނުމުންނެވެ. ކޮންސްޓެންޓައިން އިސްތިޢުފާ ދިނީ ނިމިގެންދިޔަ އޭޝިއަން ކަޕްގެ ގުރޫޕް ސްޓޭޖުން އިންޑިއާ ކެޓުމާއި ގުޅިގެންނެވެ.

އިންޑިއާގެ ސީނިއަރ ޓީމްގެ ކޯޗްގެ މަގާމް ހުސްވުމާއިއެކު ވަރަށް ގިނަ ކޯޗުންވަނީ އެކަމަށް ޝަޢުގުވެރިކަން ފާޅުކުރިއެވެ.

އިންޑިއާގެ ފުޓްބޯލް ފެޑްރޭޝަނުން މިމަގާމަށް ޝޯޓް ލިސްޓް ކުރި ހަތަރު ކޯޗުންނަކީ އިންގްލެންޑްގެ ކުރީގެ ކޯޗް އެރިކްސަން އާއި، ދެކުނު ކޮރެއާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗް ލީ މިންގް ސަންގެ އިތުރުން، ބެންގަލޫރު އެފްސީގެ ކުރީގެ ކޯޗް ސްޕެއިންގެ އަލްބަޓް ރޮކާ އަދި ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުރިން ކޯޗް ކޮށްދިން އީގޯ ސްޓީމެޗްއެވެ.

1998ވަނަ އަހަރު ފްރާންސްގައި ކުޅުނު ވޯލްޑްކަޕް އަކީ ކްރޮއޭޝިއާގެ ފުރަތަމަ ވޯލްޑްކަޕެވެ. އެޓީމް ސެމީ ފައިނަލާއި ހިސާބަށް ދިޔައިރު، އީގޯ ސްޓީމެޗް އަކީ ކްރޮއޭޝިޔާ ޓީމްގެ މުހިންމު ކުޅުންތެރިއެކެވެ.

2014 ގެ ވޯލްޑްކަޕަށް ކްރޮއޭޝިއާ ކޮލިފައި ކޮށްދިނީ އީގޯ ސްޓީމެޗްއެވެ.