ކުޅިވަރު

އެފްއޭއެމް އިން ހޮވާ މޮޅު ކުޅުންތެރިންނަށް އެވޯޑު ދެއްވައިފި


އެފްއޭއެމުން ހޮވާ ދެހާސް ތޭރަވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އަލީ އަޝާފާގް އަދި ދެހާސް ސާދަވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އަސަދުﷲ އަބްދުﷲ ހޮވިއްޖެއެވެ.

ދިވެހި ޕްރިމިއާރ ލީގު ފެށުމުގެ ގޮތުން ރޭ ރަސްމީ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިޔާތުގައި އުރީދޫ ދިވެހި ޕްރިމިއާރ ލީގް އިފްތިތާޙް ކޮށްދެއްވީ ރައީސުލް ޖުމްހުރިއްޔާ ޢަބްދުﷲ ޔާމީންއެވެ. އަދި އެމަނިކުފާނާއެކު އުރީދޫ ޕްރިމިއާރ ލީގްގެ މެއިން ސްޕޮންސާރ އުރީދޫގެ ސީއީއޯ ވިކްރަމަސިންހައާ ބައެއް ވަޒީރުންނާ އެފްއޭއެމްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދެހާސް ތޭރަވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އަލީ އަޝްފާގަށް ލިބިފައިވާއިރު، ހަމަ އެއަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ މިހާރު މެލޭޝިޔާގެ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ގައުމީ ކެޕްޓަން އަލީ އަޝްފާގްއަށެވެ.

އަޝްފާގް ވަނީ އެއަހަރު 58 ލަނޑު ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މާޒިޔާގެ ކެޕްޓަން އަސައްދުﷲ އަބުދުﷲއަށް ލިބުނުއިރު މިދިޔަ އަހަރު އެންމެ ގިނަ ލަޑުޖަހާފައިވެސްވަނީ މާޒިޔާގެ ކެޕްޓަން އަސައްދުﷲ އަބުދުﷲ އެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ވަނީ އެފްއޭއެމްއަށް އެކިއެކި ރޮނގުރޮނގުން ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައެވެ.

ހަނދާނީ ފިލާ ލިބިފައިވަނީ އުރީދޫ ދިވެހި ޕްރިމިއާރ ލީގްގެ ސްޕޮންސަރުންނާ މުބާރާތް ކުރިއަށް ގެންދިއުމަށް އެކިއެކު ރޮނގުރޮނގުން އެފްއޭއެމްއަށް ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށެވެ. އޭގެތެރޭގައި ރޭޑިއޯ އާ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް މެޗްތަށް ލައިވްކޮށް ގެނެސްދެމުންގެންދާ އެމްބީސީ ހިމެނެއެވެ.