ވިޔަފާރި

މިދިޔަ މަހު މުދާ އިމްޕޯޓްކުރި ވަރު އިތުރުވެ އެކްސްޕޯޓް ދަށަށް


މިިދިޔަ މަހު ރާއްޖެއަށް 4.1 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާ ބަލާއިރު 9 އިންސައްތަ އިތުރު އަދަދެކެވެ.

މޯލްޑިވްސް ކަސްޓަމްސްއިން އާއްމުކޮށްފައިވާ އޭޕްރިލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވިނަމަވެސް، މި މުއްދަތުގެ ތެރޭގައި އެކްސްޕޯޓްކުރި މުދަލުގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލްމަހު ރާއްޖެއިން 377 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާ އިރު، މިިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 324 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 14 އިންސައްތަ ދަށް އަދަދެކެވެ.

އޭޕްރިލްމަހު އިމްޕޯޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީވެސް 14 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މި ދިޔަ އަހަރުގެ އޭޕްރިލްމަހުގެ އިމްޕޯޓް ޑިއުޓީއާއި އެހެނިގެން ފީގެ ގޮތުގައި ދައުލަތަށްވަނީ 300 މިލިއަން ރުފިޔާ ލިބިފައެވެ.

މި ދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ޔޫއޭއީންނެވެ. އެގޮތުން އެމުއްދަތުގައި އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 23 އިންސައްތަ އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. ޗައިނާ އިން 16 އިންސައްތަ އަދި ސިންގަޕޫރުން 12 އިންސަައްތަ މުދާ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކާނާގެ ބާވަތްތަކެވެ. ދެން އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކެވެ.

މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މުދަލުގެ %46 އަކީ ތައިލޭންޑަށް އެކްސްޕޯޓްކޮށްފައިވާ މުދަލެވެ. ރާއްޖެއިން ތައިލެންޑަށް އެކްސްޕޯޓްކުރި މުދަލުގެ %43 އަކީ ގަނޑުކުރި ކަޅުބިލަމަހެވެ.