ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ރަނގަޅުކަމަށް ކަނަޑައަޅައިދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލް ކުރުމުން ދަޢުލަތުން ވަނީ މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. މިއަދު ބޭއްވި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައި ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވީ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ ބާތިލުކުރީ އެ މައްސަލާގައި ވުޖޫދުގައިވާ ހުރިހާކަމަކަށް ބަލައިގެން ނޫންކަމަށެވެ. ދައުލަތުގެ ފަރާތުން ވަނީ ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފާއިވާ އެކައުންޓާއި މޮރީޝަސް ކޮމާޝަލް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުތައް ވެސް ފްރީޒުކުރުމަށް އެދިފައެވެ.
މީގެއިތުރުންވެސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ޔާމީންގެ 8 އެކައުންޓް ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށް ޕީޖީން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.
ދަޢުލަތުން ބުނީ އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓެއް ފްރީޒްކުރަން ކުރި ހުކުމް ބާތިލު ކުރުމުގެ ސަބަނުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ގަބޫލުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރަކީ ރަނގަޅު އަމުރެއްކަމަށް ކަނޑައަޅައި ފައިސަލާ ކުރުވަނިވި ހުކުމެއް ކޮށްދިނުމަށް އެދޭ ކަމަށެވެ.
އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ މާނަ ކޮށްދިނުމަށް ވެސް ޕީޖީ އެފީހުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ. މިކަމާއި ގުޅިގެން ރައީސް ޔާމީނުގެ ވަކީލުންނާއި ދައުލަތުގެ ވަކީލުންވަނީ އެފަރާތްތަކަށް ފެންނަގޮތް ކޯޓުގައި ހިއްސާކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބަލާ މިމައްސަލާގައި ދައުވާލިބޭ އަބްދުﷲ ޔާމީންގެ ފަރާތުން ވިދާޅުވީ، މިމައްސަލާގައި ހައިކޯޓުން ޙުކުމް ކުރީ ރިއާޔަތްކުރަންޖެހޭ ހުރިހާކަމަކަށް ރިއާޔަތްކޮށްގެންކަމަށް ޤަބޫލުކުރާކަމަށާއި، މިމައްސަލާގައި ދައުލަތައް ލިބެންޖެހޭ ފައިސާއެއް ގެއްލިދާނެކަމަށް ޕީޖީން ވިދާޅުވިނަމަވެސް އެންޓިކޮރަޕްޝަން ކޮމިޝަނުގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓެއްގައި އެފައިސާ ވަނިކޮށް ގެއްލިދާނެކަމަށް ޤަބޫލުނުކުރާ ކަމަށެވެ. އެހެން ކަމުން ހައިކޯޓުގެ އަމުރަށް ތާއީދު ކޮށް ދިނުމަށް ޔާމީންގެ ވަކީލުންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.
މި މައްސަލާއިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުންވަނީ ހައިކޯޓުން ޔާމީންގެ އެކައުންޓްތައް ފްރީޒުކުރުން ހުއްޓުވި އަމުރަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ. ދައުލަތުން އެގޮތަށް އެދުނުނަމަވެސް ޔާމީންގެ އެކައުންޓްތައް ފްރީޒުކުރަން ނެރުނު އަމުރުގެ މުއްދަތު ހަމަވެފައިވާކަން ޔާމީންގެ ވަކީލުވަނީ ފާހަގަކުރައްވާފައެވެ.
މިމައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވީ މިމައްސަލައިގެ އަޑުއެހުންތައް ނިމުނީކަމަށާއި ދެން އޮންނާނީ ޙުކުމް އިއްވުންކަމަށެވެ.