ސިޔާސީ

ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ފޮނުވައިފި


މިއަހަރުގެ ބަޖެޓުން ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާ ތިން ޕާޓީއަކަށް ފައިސާ ދޫކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ނިންމާފައިވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އެމްޑީއޭގެ އިތުރުން ޕީޕީއެމަށެވެ. ނަމަވެސް މި ޕާޓީތަކުގެ ތެރެއިން ފައިސާ ދޫކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވަނީ އެމްޑީޕީއާ ޖޭޕީ އަދި އެމްޑީއޭއަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ޕީޕީއެމަށް ފައިސާ ދޫކޮށްދިނުމަށް އެދި ފިނޭންސަށް ނުފޮނުވީ، އެޕާޓީގެ އަހަރީ ރިޕޯޓުގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ. އަދި އެކަން ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލަށް އަންގާފައިވާނެ ކަމަށާއި އަހަރީ ރިޕޯޓު ރަނގަޅު ކުރުމަށްފަހު އިލެކްޝަނަށް އަލުން ހުށަހެޅިހާ އަވަހަކަށް އެޕާޓީއަށްވެސް ފައިސާ ދޫކުރާނެ ކަމަށެވެ.

މިއަހަރުގެ ބަޖެޓުން ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވީ ނަމަވެސް ޕާޓީތަކަށް ދޫކުރާ ފައިސާގެ ޢަދަދެއް އަދި ނޭނގެއެވެ. ފައިސާ ދޫކުރުމަށް އިލެކްޝަނުން ނިންމާފައިވާ ހަތަރު ޕާޓީއަށް މިއަހަރުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ބަހާނެ އެވެ.