ޕެންޝަން ސްކީމްގެ ދަށުން މީހުން ޙައްޖަށް ފޮނުވުމަށް ފައިސާ ދޫކުރަން ފަށާނީ އެކަމަށް ބޭނުންވާ އުސޫލު އެކުލަވާލެވުމުންކަމަށް ޕެންޝަން އޮފީހުން ހާމަކުރައްވައިފިއެވެ. އެ އޮފީހުން ވިދާޅުވީ އެކަމަށްޓަކައި އެކުލަވާލަންޖެހޭ ޤަވާއިދުތައް ހެދުމުގެ މަސައްކަތް އެ އޮފީހުން ކުރަމުންދާކަމަށެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ އެމަސައްކަތް ނިންމާ އެކަން ކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ނިންމުމަށްފަހު އާންމު ކުރާނެކަމަށެވެ. ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވާއިރު މި ޤާނޫނޫގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދު އެކުލަވާލުމަށް ޕެންޝަން އޮފީހަށް ދީފައިވާ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ގުރޫޕުތަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަދީފައިވާއިރު ޕެންޝަން ސްކީމްގެ ދަށުން މިއަހަރު ޙައްޖަށް މީހުނަށް ފޮނުވޭނެކަމެއް އަދި ޔަޤީން ނުވާކަމަށާ، ނަމަވެސް ޕެންޝަން ސްކީމްގެ ދަށުން މީހުން ޙައްޖަށް ފޮނުވުމަށް ހަދަންޖެހޭ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.
ޕެންޝަން ފައިސާއިން ޙައްޖަށް މީހުން ފޮނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވަޢުދެކެވެ. ޕެންޝަން ސްކީމްގެ ދަށުން ޙައްޖަށްދާން ބޭނުންވާ މީހުންނަށް ފައިސާދޫކުރުމަށް ހަމަޖެހިފައިވަނީ ޙައްޖަށް ދިޔުމަށް ދައްކަންޖެހޭ ރަސްމީ އަގުކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން 50 އިންސައްތައެވެ.
ޕެންޝަން ޤާނޫނުގައިވާގޮތުން މި ސްކީމްގެ ދަށުން ފައިސާ ލިބޭނީ ފަރުޟު ޙައްޖު ކުރިންކޮށްފައިނުވާ ފަރާތްތަކަށާއި ޕެންޝަން ފައިސާ ދޫކުރާ ޢުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރުގެ ފައިސާ، ޙައްޖުވުމަށް ފައިސާ ދޫކުރުމަށް ހުށައަޅާއިރު ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރިފަރާތްތަކަށެވެ.