ސިޔާސީ

އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް ދޭން ފަށައިފި


މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ހަވާލުނުކުރާތާ ހަތަރު އަހަރުވުމަށްފަހު އެ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދޭން ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ މި ހަފްތާގެ ތެރޭގައި 12 ކައުންސިލަކަށް ޖުމްލަ، ބާރަ މިލިއަން ފަސްލައްކަ ތިރީސް އަށްހާސް ދުއިސައްތަ ފަސްދޮޅަސް ދެރުފިޔާ ފަސްދޮޅަސް ދެލާރި ޖަމާކޮށްދީފައިވާ ކަމަށެވެ. ފިނޭންސުން ވިދާޅުވީ ފައިސާ ޖަމާނުކުރެވިވާ ހަތަރު ކައުންސިލަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ކުރަމުން ގެންދާ ކަމަށެވެ.

އަތޮޅު ކައުންސިލްތަކަށް ފައިސާ ޖަމާކޮށްދިނުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އަތޮޅު ކައުންސިލްތަކަށް ފައިސާ ލިބޭނެ ގޮތްތައް ވަރަށް މަދުކަމަށާއި އަތޮޅު ފިހާރަތަކަކީ އޭގެ ތެރެއިން މުހިއްމު ވަސީލަތެއް ކަމަށެވެ.

"މިސަރުކާރުގެ ވައުދެއް ކައުންސިލްތައް ބާރުވެރި ކުރުވުމަކީ. އެގޮތުން ބާރުވެރި ކުރުވުމަށް އެންމެ މުހިއްމު އެއް ވަސީލަތަކީ މާލީގޮތުން ފުދުންތެރިބަޔަކަށް ވުން. އެގޮތުން ބަލާއިރު އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބި އޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް. އެގޮތުން ނުލިބި ހުރި ހިސާބުން ފައިސާ ދޭން މި ފެށީ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެހެން އަހަރުތަކުގެ ފައިސާވެސް ކައުންސިލްތަކަށް ވީހާވެސް އަވަހަކަށް ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަތޮޅު ފިހާރަތަކަކީ އަތޮޅުތަކުގެ ބައިވެރިވުމާއެކު މާލޭގެ އުތުރު ފަރާތުގައި ޤާއިމުކޮށްފައިވާ ފިހާރަތަކެކެވެ.

އެކި ފިހާރަތައް އެކި އަގުގައި ކުއްޔަށްދީފައިވާއިރު ކޮންމެ އަތޮޅު ކައުންސިލަކަށްވެސް ލިބެނީ އެފިހާރައެއް ކުއްޔަށްދީފައިވާ އަގުގެ 50 އިންސައްތަ އެވެ. އެހެން ނަމަވެސް އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2014 ވަނަ އަހަރު އެވެ. އެހެންކަމުން މި ހަފްތާގައި ޖަމާކޮށްދޭން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ފައިސާ އެވެ.