ޚަބަރު

ދިވެހިންނަށް ޑޮކްޓަރުކަން ކިޔަވައި ދިނުމުގައިވެސް ދިވެހިން


ރާއްޖޭގެ ދަރިވަރުންނަށް ކިޔަވައި ދިނުމަށްޓަކައި ރާއްޖެއިން ބޭރުން ޓީޗަރުން ގެންނަ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ޓީޗަރުން ހަމަ ނުވުމުގެ ސަބަބުން ބައެއް ސްކޫލުތަކުގައި ބެލެނެވެރިން ވަނީ މީގެކުރިން މުޒާހަރާވެސް ކޮށްފައެވެ. ދިވެހިން އަބަދުވެސް ދެކެން ބޭނުންވަނީ ދިވެހި ކިޔަވާ ކުދިންނަށް ދިވެހިން ތަމްރީނު ދީ ކިޔަވައި ދިނުމެވެ. އެކަމުގެ ފެހި ސިގްނަލް ލިބިގެން ދިޔައީ ރާއްޖޭގެ އެތައް ބައެއްގެ އުއްމީދާއި ގުޅިފައިވާ މެޑިކަލް ކޮލެޖުންނެވެ.

މި ކޮލެޖަކީ އެތައް ދިވެހިންތަކެއް އެތަނެއް ހުޅުވި ކިޔަވައި ދޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރި ތަނެކެވެ. އެކި ސަބަބުތަކާ ހެދި ނުފެށި ލަސްވިނަމަވެސް މި ކޮލެޖަށް ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ވާހަކައަކީ ދޮގު ވާހަކައަކަށް ނުވާނެއެވެ.

ދެހާސް ސަތާރަވަނަ އަހަރު ސަރުކާރުން މިމަޝްރޫޢު ޢިއުލާނުކުރީއްސުރެ ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖު ހުޅުވި ރާއްޖޭގައި ތިބެގެން އެމްބީބީއެސްއަށް ކިޔެވޭނެ ދުވަހަކަށް އެތައް ބަޔަކު ކެތްމަދުވެފައިވާއިރު އަބަދުވެސް އަޑުއިވޭ ވާހަކައަކީ މެޑިކަލް ކޮލެޖުގެ ޢިމާރާތުގެ ވާހަކައެވެ. އެތަނުގެ ކިޔެވުން ނުފެށި ލަސްވެގެން ދަނީ އިމާރާތަށް ބޭނުންވާ މިވެނި އެއްޗެއް އެވެނި އެއްޗެއް ނެތުމުގެ ސަބަބުންނެވެ.

މެޑިކަލް ކޮލެޖުގެ ކިޔެވުން ނުފެށި އެކަމުގެ މާޔޫސްކަމުގައި ތިބި ފަރާތްތަކުގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިން ޚަބަރަކީ އެއީ މެޑިކަލް ކޮލެޖުގައި ލެކްޗަރާއިންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ވާހަކައެވެ. ޑޮކްޓަރުކަން ކިޔަވަން ބޭނުންވެފައި ތިބި ދިވެހި އެތައް ކުއްޖަކަށް މި ޚަބަރު ލިބިގެން ދިޔައީ އުފާވެރި ޚަބަރަކަށެވެ. މިއީ މީގެކުރިން ޑޮކްޓަރުކަން ކިޔަވާފައި ތިބި އެއްވެސް ބޭފުޅަކަށް ލިބިވަޑައިގެންނެވި ނަސީބެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި އަލަށް ހުޅުވޭ މެޑިކަލް ކޮލެޖުގައި ދިވެހިންނަށް ކިޔަވާ ދޭނީ ދިވެހި ޑޮކްޓަރުންނެވެ. ކަމުގެ ތަޖުރިބާކާރުންނެވެ.

ވާޒީފާގައި ދުވަހުގެ ގިނަ ވަގުތު ވަރަށް އަވަދިނެތިކޮށް އުޅުއްވަމުންވެސް ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ގެންދަވަނީ ރާއްޖޭގެ މެޑިކަލް ކޮލެޖުގައި ކިޔަވައިދިނުމަށްޓަކާއި އެބޭފުޅުންނަށް ބޭނުންވާނެ ތަމްރީންތައް ހެއްދެވުމަށް ޤައުމީ ޔުނިވަރސިޓީއަށް ވަގުތު ދެއްވަމުންނެވެ. އެގޮތުން މެޑިކަލް ކޮލެޖުގެ ލެކްޗަރާއިންގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ބޭނުންވާ ތަމްރީނުތައް ދިވެހި 40 ސްޕެޝަލިސްޓް ޑޮކްޓަރަކުގެންދަވަނީ ހޯއްދަވަމުންނެވެ. މީގެ ތެރޭގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އޭޑީކޭ އަދި އަމިއްލަ ބައެއް ކްލިނިކްތަކުގައި މަސައްކަތްކުރާ ސްޕެޝަލިސްޓުންވެސް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މިޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ޑޮކްޓަރުން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ އެފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި މިއީ ރާއްޖެއެކޭ އެއްގޮތަށް އެބޭފުޅުންނަށްވެސް ވަރަށް އައު ތަޖުރިބާއެއްކަން ފާހަގަކުރައްވާ ޑޮކްޓަރުންވަނީ މިކަމުގައި ކުރަމުންދާ އުއްމީދުތައް ޕީއެސްއެމްނިއުސްއާއި ހިއްސާކުރައްވާފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރ ޑރ.ޢަބްދުﷲ ނިޔާފް ވިދާޅުވީ "މިއީވަރަށް ބޮޑު ޒިންމާއެއް އަދި މިއީ ވަރަށް ބޮޑު ފަޚުރެއްވެސްމެ، ޙަގީގަތުގައި ކިޔަވައިދިނުމަކީ ޑޮކްޓަރުންނަށް އާކަމެއް ނޫން. އެހެންނަމަވެސް މިފަދަ ސްޓްރަކްޗަރޑް ޕްރޮގްރާމަކަށް ވަރަށް ތައްޔާރުވާންޖެހޭ. ދިވެހި ޑޮކްޓަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ އެންމެ ފުރަތަމަ މެޑިކަލް ކޮލެޖުން ނިކުންނަ ދަރިވަރުންނަކީ ވަރަށް ޤާބިލު ޑޮކްޓަރުންނަށް ހެދުމަށް އަޅުގަނޑުމެން ވަރަށް މަސައްކަތްކުރާނަން. އަދި އެކަން ކާމިޔާބުވަނެކަމަށް އަޅުގަނޑުމެން ޤަބޫލުވެސްކުރަނީ."

އައިޖީއެމް ހޮސްޕިޓަލުގެ ކެންސަރ ސަރޖަން ޑރ.މުޙައްމަދު ޝިފާން ވިދާޅުވީ" ކިޔަވައިދިނުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޑޮކްޓަރުން ވަރަށް ކުރަން ބޭނުންވާކަމެއް. މިފުރުސަތު ލިބިގެންދިޔުމަކީ ދިވެހި ޑޮކްޓަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. އަދި އަޅުގަނޑުމެން މިތިބީ ވަރަށް ތައްޔާރަށް."

މެޑިކަލް ކޮލެޖުގައި ކިވައިދެއްވުމަށް ތަމްރީންވަމުންދާ ޑޮކްޓަރުންގެ ތަމްރީނުތައް ކުރިއަށްގެންދަވަނީ މެލޭޝިއާގެ ޔޫ.ކޭ.އެމްގެ ފަންނީ ބޭފުޅުންނެވެ.

އަބަދުވެސް އަޑުއިވޭ އެއް ޝަކުވާއަކީ މަތީ ފަންތީގެ ވަޒީފާތައް ދިވެހިންނަށް ނުލިބި އެވަޒީފާތަކުގައި ބިދޭސީން ތިބޭވާހަކައެވެ. އެހެންނަމަވެސް މިއަދު މިމަންޒަރު ދަނީ ބަދަލުވަމުންނެވެ. ބިދޭސީ މީހާއަތުން ކުނިކޮތަޅު އަތުލި ގޮތަށް ދިވެހިން މިވަނީ ޤައުމުގެ ކުރިއެރުވުމުގައި އިތުރު ހަރުފަތަކަށް ޖެހިލާފައެވެ. އެގޮތުން ދިވެހިންގެ އުއްމީދުތަކާއި ގުޅިފައިވާ ދިވެހިންގެ މެޑިކަލް ކޮލެޖު ކުރިއަށްގެންދިޔުމުގައި އަތުކުރި އޮޅާލާފައިވަނީ ދިވެހި ޑޮކްޓަރުންނެވެ.