ސިޔާސީ

ދަޢުލަތުން ދޭންޖެހޭ ފައިސާއަކީ ކޮންމެހެން ދޭންޖެހޭ އެއްޗެއްތޯ ބަލަންޖެހޭ - ނަޝީދު


އަމިއްލަ ފަރާތްތަކަށް ދިނުމަށް ކޯޓުތަކުން ޙުކުމް ކުރާ ފައިސާތަކަކީ ހަޤީގަތުގައިވެސް ދޭންޖެހޭ ފައިސާތޯ ބަލަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން މިވީ ހަމަސް ދުވަހުގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނަ ފައިސާ އަމިއްލަ ފަރާތްތަކަށް ދިނުމަށް ޝަރުޢީ ކޯޓުތަކުން ޙުކުމްކޮށްފައިވާ ކަމަށެވެ.
"މިފައިސާ ދޫކުރުމުގެ ކުރިން އެއީ ދޭންޖެހޭ ފައިސާތޯ ކަށަވަރު ކުރަންޖެހޭ. ދަޢުލަތަށް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމަކީ ބަންޑާރަ ނާއިބުގެ ވާޖިބެއް،" ނަޝީދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި މިވަނީ ރައީސް ޞާލިޙު ރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގެންފަހުން ޝަރުޢީ ކޯޓުތަކުން ތިން ކުންފުންޏަކަށް ގިނަ ޢަދަދެއްގެ ފައިސާ ދިނުމަށް ދަޢުލަތުގެ މައްޗަށް ވަނީ ޙުކުމް ކުރައްވާފައެވެ.

އޭގެތެރޭގައި ބިޒްނަސް އިމޭޖް ގްރޫޕަށް ޕީއެސްއެމްއިން 78 މިލިއަން ރުފިޔާ ދޭން ކުރި ހުކުމާއި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް ކަސްޓަމުން 22.7 މިލިއަން ރުފިޔާ ދޫކުރަން ކުރި ހުކުމްގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ކުރި ހުކުމް ހިމެނެ އެވެ. މީގެތެރެއިންވެސް ދީބާޖާގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.