ސިޔާސީ

ޔާމީނާއި އެކު ޖަމީލު ތަރާވީޙެއްގައި ބައިވެރިވެވަޑައިގެންފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އެމަނިކުފާނާއި ސިޔާސީ ގޮތުން ޚިޔާލުތަފާތުވެފައިވާ ޔާމީން ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދާއި ދެބޭފުޅުން ރޭ ތަރާވީހެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ޔާމީންގެ ސަރުކާރުގައި ޖަމީލުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރުމަށްފަހު މި ދެބޭފުޅުން ބައްދަލުވި ފުރަތަމަ ފަހަރުވެސްމެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އަމިއްލަފުޅަށް އަރުވާލެވިގެން ޖަމީލް ހުންނެވީ އިނގިރޭސިވިލާތުގައެވެ. އޭނާ އެނބުރި ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވެރިކަން ލިބިވަޑައިގަތުމާއި އެކުގައެވެ. ޖަމީލަކީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ބޭފުޅެކެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެއްވުމަށް ކުރި މަސައްކަތުގައި ޖަމީލުވެސް ވަނީ އިސް ރޯލެއް އަދާ ކުރައްވާފައެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި މިދިޔަ މަހުގެ ތެރޭގައި ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބު ޕީޕީއެމްއަށް ނާކާމިޔާބުވުމާއި ގުޅިގެން އެޕާޓީ ސިޔާސީ ގޮތުން ވަރުގަދަ ކުރުމަށްޓަކައި ޖަމީލާއި ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ޕީޕީއެމްއާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެކަން ޕީޕީއެމްގެ ކައުންސިލާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ވަނީ ޙިއްޞާވެސް ކުރައްވާފައެވެ. ޕީޕީއެމްގެ ކައުންސިލުންވެސް ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.

އެނގިފައިވާ ގޮތުގައި ރޭ ބޭއްވި ތަރާވީހުގައި ޖަމީލު ބައިވެރިވެވަޑައިގަތީ އޭނާއަށް ދަޢުވަތު ދެއްވުމުންނެވެ. އެ ތަރާވީޙުގައި ޕީޕީއެމްގެ އިސް ފަރާތްތައް ވަނީ ބައިވެރިވެވަޑައިގަންފައެވެ. ތަރާވީޙުގައި ބައިވެރިވެވަޑައިގެންފައިވާ ޕީއެންސީގެ ނާއިބު ރައީސް އަޙްމަދު ނިހާން ހުސައިން މަނިކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޖަމީލަކީ ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅެއް ކަމަށެވެ.

ޔާމީނާއި އެކު ޖަމީލު ތަރާވީޙެއްގައި ބައިވެރިވެވަޑައިގެންފައިވާއިރު އޭނާ މިވަގުތު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އެޑްވައިޒަރެއްގެ މަޤާމުގައެވެ. އަދި ޖަމީލު ވަނީ ޖޭޕީގެ ޓިކެޓުގައި މިދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށްވެސް ވާދަކުރައްވާފައެވެ. ނަމަވެސް އިންތިޚާބުގައި އޭނާ ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.