ކުޅުދުއްފުށީގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި މަސްޖިދުލް ފިރުދައުސް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި މިސްކިތްތަކީ ކުޅުދުއްފުށީގެ ވިޔަފާރިވެރިޔެއް ކަމަށްވާ މިތުރު ކޮމްޕެނީގެ ވެރިޔާ މުޙައްމަދު ޒުހެއިރުގެ ހަރަދުގައި އިމާރާތްކުރި މިސްކިތެކެވެ.
އިއްޔެގެ އަސުރު ނަމާދު ވަގުތުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި "މަސްޖިދުލް ފިރުދައުސް" ރަސްމީކޮށް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.ޒާހިރު ވިދާޅުވީ މިސްކިތްތައް ބައްޓަން ކުރަން ޖެހެނީ ހަމައެކަނި އަޅުކަން ކޮށްލާ ތަނެއްގެ ގޮތުގައި އެކަނި ނޫން ކަމަށާ، މިސްކިތްތަކުގައި ﷲ އަށް ޒިކުރުކުރެވޭނެ މަގުވެސް ފަހިވެފައި ހުންނަންޖެހޭ ކަމަށެވެ.
މިސްކިތްތައް އިމާރާތްކުރުމުގެ މާތްކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިސްކިތްތައް ބިނާކުރުމުގެ މާތްކަން ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުންވެސް ސާބިތުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މާތް ﷲގެ ހަޟްރަތުގައި އެންމެ ހެޔޮތަނެއްގެ ގޮތުގައި ލައްވާފައިވާ ތަނަކީ މިސްކިތްތައްކަމަށާއި އެތަނަކީ ކީރިތި ޤުރުއާން ކިޔެވުމާއި ﷲ ސުބުހާނަހޫ ވަތައާލާގެމަތިން ހަނދުމަކުރުމާއި އެކަލާނގެއަށް އަޅުކަން ކުރުމަށް ބިންމަތީގައިވާ އެންމެ ޝަރަފުވެރި އެންމެ މާތް ތަންތަންކަމުގައި ﷲ ތައާލާ ލައްވާފައިވާ ތަން ކަމަށށެވެ.
މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒާހިރުގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލާއި މިސްކިތް ހަދިޔާކޮށްދެއްވި މުޙައްމަދު ޒުހެއިރުގެ އިތުރުން ގިނަ އަދަދެއްގައި ރައްޔިތުންވެސް ބައިވެރިވިއެވެ.
ގާތްގަނޑަށް 450 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ މި މިސްކިތް އިމާރާތްކޮށްފައިވަނީ އުތުރު ބަނދަރު ސަހަރައްދުގައެވެ. ރަސްމީކޮށް މިސްކިތް މިއަދު ހުޅުވިނަމަވެސް މިމަހު ދެވަނަ ދުވަހުން ފެށިގެން މި މިިސްކިތުގައި ނަމާދު ކުރުމުގެ ވަގުތީ ހުއްދަ ވަނީ ދީފައެވެ.